މިއަދު އަޅުގަނޑުގެ ހަޔާތުގައި ހިނގާފައިވާ ކަންތައްތަކާއި، އަމިއްލަ ތަޖުރިބާތަކުން ލިބިފައިވާ ފިލާވަޅުތަކާމެދު ފުންކޮށް ވިސްނާލާއިރު، އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ﷺ ގެ ސިޔަރަތާމެދު ފިކުރު ހިންގާލެވެއެވެ. ބައެއް ފަހަރު، ދިރިއުޅުމުގައި ކުރިމަތިވާ ދަތި އުނދަގޫތަކުގެ ސަބަބުން، ދިރިއުޅުމަކީ އަދުވެރި އެއްޗެއް ނޫން ކަމުގެ އިހުސާސް އަޅުގަނޑުމެންނަށް ކުރެވެއެވެ. ވަކި ކަންތައްތަކެއް އެގޮތަށް ދިމާވާންވީ ކީއްވެގެންތޯއާއި، ބައެއް މީހުންގެ ފަރާތުން އަނިޔާ ލިބެންވީ ކީއްވެގެންތޯއާއި، ބައެއް ތަކެތި ގެއްލިގެންދާންވީ ކީއްވެގެންތޯ އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދަތުރު މިހާ ބުރަވާންވީ ކީއްވެގެންތޯ ހިތަށް އަރައެވެ. ނަމަވެސް، ކައުން ރަސޫލާ ﷺ ގެ ދިރިއުޅުއްވުމަށް ނަޒަރު ހިންގާލުމުން، އެކަލޭގެފާނުގެ ސިޔަރަތުން ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ދިރިއުޅުމަކީ ދަތި އުނދަގޫތަކެއް ނެތް އޮމާން ދަތުރަކަށް ވުން ނޫންކަން ހާމަވެއެވެ. އޭގެ ބަދަލުގައި، އެފަދަ ދަތި ހާލަތްތަކުގައިވެސް އިންސާނަކު ރިވެތި ގޮތުގައި ސާބިތުވެ ހުރުމުގެ މުހިންމުކަން އެނގިގެންދެއެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ﷺ އުފަންވެވަޑައިގަތީ ޔަތީމެއްގެ ގޮތުގައެވެ. އެކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމުގެ ކުރިން ބައްޕާފުޅު ނިޔާވެފައިވާއިރު، ވަރަށް ތުއްޕުޅު އުމުރުފުޅެއްގައި މައިކަނބަލުންވެސް ވަނީ ނިޔާވެފައެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ކާފާފުޅާއި ބޮޑުބޭބޭފުޅުގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އެހާ ތުއްޕުޅު އުމުރުފުޅެއްގައި އެފަދަ ބޮޑެތި ފުން ހިތާމަތަކެއް ތަހައްމަލު ކުރެއްވި ނަމަވެސް، އެކަލޭގެފާނު ބޮޑުފުޅުވެގެން އައިރު މަޝްހޫރުވެވަޑައިގަތީ "އަލްއަމީން" ނުވަތަ ތެދުވެރި އަމާނާތްތެރިޔާގެ ނަމުންނެވެ. ނަބީކަން ލިބިވަޑައިގަތުމުގެ ކުރިންވެސް، މީސްތަކުން އެމީހުންގެ މުދަލާއި، ވިޔަފާރިއާއި، ދައްކާ ވާހަކަތަކުގައި އެކަލޭގެފާނަށް ފުރިހަމައަށް އިތުބާރު ކުރިއެވެ. މިއީ ފުންކޮށް ވިސްނާލަންޖެހޭ ފަދަ ވަރުގަދަ މިސާލެކެވެ. އެކަލޭގެފާނަށް ދިމާވި ހިތްދަތި ހާލަތްތަކުގެ ސަބަބުން އެކަލޭގެފާނުގެ މާތް އަޚްލާޤަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިމަތިވި ހިތާމަތަކުގެ ސަބަބުން އެކަލޭގެފާނުގެ ހިތްޕުޅުގައި ހަސަދަވެރިކަމެއް ނުއުފެދެއެވެ. އަދި ލިބުނު އަނިޔާގެ ސަބަބުން އެހެން މީހުންނަށް ދެރައެއް ދިނުމަކީ ކުރެއްވި ކަމެއް ނޫނެވެ.
އެކަލޭގެފާނު ކައިވެނި ބެއްލެވީ ކާމިޔާބު އަދި އިޙްތިރާމް ލިބިގެންވީ ވިޔަފާރިވެރިއެއް ކަމުގައިވާ ޚަދީޖަތުގެފާނު (رضي الله عنها) އާއެވެ. އެ ދެބޭފުޅުންގެ ގުޅުމަކީ ބައިވެރިވުމާއި، ލޯތްބާއި، އިޙްތިރާމާއި، ނަފްސާނީ ރައްކާތެރިކަމާ ބެހޭގޮތުން އަގުހުރި ފިލާވަޅުތަކެއް އުނގަންނައިދޭ ރީތި ނަމޫނާއެކެވެ. މުޅި ދުނިޔެ އެކަލޭގެފާނާ މެދު ޝައްކު އުފެއްދި ހިނދު، އެކަލޭގެފާނުގެ ބަސްފުޅު އެންމެ ފުރަތަމަ ތަޞްދީޤުކުރެއްވީ އެކަމަނާއެވެ. ނަބީކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވުމުގައި އެކަލޭގެފާނުގެ އަރިހުގައި ސާބިތުކަމާއެކު ހުންނެވީ އެކަމަނާއެވެ. ވަޙީ ބާވައިލެއްވުމުން، އެކަމުގެ ބިރުވެރިކަމުގައި އެކަލޭގެފާނު ގެއަށް އެނބުރި ވަޑައިގެންނެވި ހިނދު، ހިތްހަމަޖައްސައިދެއްވައި، އެކަލޭގެފާނުގެ ކިބައިގައިވާ މާތް ސިފަތައް ހަނދުމަކޮށްދެއްވީ ޚަދީޖަތުގެފާނެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ މުހިންމު ވަގުތުގައި، އެކަލޭގެފާނަށް އެންމެ އެކަށީގެންވާ ބައިވެރިޔަކު މިންވަރުކުރެއްވި ކަމީ މާތްﷲގެ ރަޙްމަތްފުޅުގެ ފުރިހަމަކަން ހާމަވާ ކަމެކެވެ.
އޭގެ ފަހުން ކުރިމަތިވީ މުޅި މުޖުތަމަޢު ބަދަލުކޮށްލުމުގެ ބޮޑު މަސްއޫލިއްޔަތެވެ. ކުރިން އަމާނާތްތެރިއެއްގެ ގޮތުގައި އެކަލޭގެފާނަށް އިތުބާރުކުރި މީހުން، އެކަލޭގެފާނާ ދެކޮޅުވެރިވާން ފެށިއެވެ. އެކަލޭގެފާނުގެ މާތް އަޚްލާޤު އެނގިތިބެމެ، މަތިވެރި ގޮވައިލުމަކަށް ގޮވައިލެއްވުމުން އެ މީހުން އެކަލޭގެފާނާ ދެކޮޅުވިއެވެ. މަލާމާތާއި، ދެކޮޅުވެރިކަމާއި، ފުރައްސާރައާއި، ދަތިކުރުމުގެ ފިޔަވަޅުތަކާއި އަނިޔާވެރިކަން ކުރިމަތިވިއެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާއެކު ކުރިއަށް ވަޑައިގެންނެވިއެވެ. މީހުންގެ ނުބައި ވިސްނުމުގެ ސަބަބުން އެކަލޭގެފާނުގެ މަތިވެރި މަޤްޞަދު ދޫކޮށްނުލައްވައެވެ. އަދި އެ މީހުން ކުރި ތުހުމަތުތަކުގެ ސަބަބުން އެކަލޭގެފާނުގެ އަސްލު ސިފަފުޅު ބަދަލެއް ނުކުރައްވައެވެ. އެކަލޭގެފާނު ހުންނެވި ގޮތުގައި ސާބިތުވެވަޑައިގެންނެވިއެވެ.
އެކަލޭގެފާނު ވަޑައިގެންނެވި މުޖުތަމަޢުގެ ޙާލަތަށް ބަލާއިރު، އެކަލޭގެފާނުގެ މެސެޖުން ގެނުވި ބޮޑު ބަދަލު އިޙްސާސް ކުރެވެއެވެ. އެކަށީގެންވާ ޤަދަރާއި ޙައްޤުތަކުން މަޙްރޫމްވެފައިވާ އަންހެނުންނަށް ޢިއްޒަތާއި، ރައްކާތެރިކަމާއި، މުދާ ވާރުތަވުމުގެ ޙައްޤާއި، މުޖުތަމަޢުގައި ޤަދަރުވެރި މަޤާމެއް ހޯއްދަވައިދެއްވިއެވެ. ފަންޑިތަވެރިންގެ ބަސް ގަބޫލުކުރުމާއި ސިހުރުގެ އެހީ ހޯދުން ފަދަ ކަންކަން މަނާކުރެއްވިއެވެ. މުޖުތަމަޢުގެ ތެރޭގައި ވަރަށް ބޮޑަށް އަށަގަނެފައިވާ ރާބުއިމުގެ އާދަ، މަރުޙަލާތަކަކަށް ބަހާލައިގެން އިޞްލާޙުކުރައްވައި، އެންމެ ފަހުން އެކަން މުޅިން މަނާކުރެއްވިއެވެ.
އެކަލޭގެފާނު (ﷺ) އަކީ ހަމައެކަނި އަޅުކަމުގެ ހަރަކާތްތަކެއް އުނގަންނައިދެއްވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނު އިންސާނުންގެ އުޅުމާއި ގޮތްފޮތް މުޅިން ބަދަލުކޮށްލެއްވިއެވެ.
އަޅުގަނޑަށް އެންމެ ބޮޑަށް އަސަރުކުރާ އެއް ކަމަކީ، އެކަލޭގެފާނަށް މުދަލާއި، ނުފޫޒާއި، އިއްޒަތް ލިބިވަޑައިގެންފައިވީ ނަމަވެސް، އިޚްތިޔާރު ކުރެއްވީ ވަރަށް އާދައިގެ ސާދާ ދިރިއުޅުއްވުމެކެވެ. މުއްސަނދިކަމާއި އަރާމުގައި އުޅުއްވުމުގެ ފުރުސަތު އޮތް ނަމަވެސް، ދުނިޔަވީ މުދަލަކީ ކާމިޔާބީގެ މިނގަނޑު ކަމުގައި އެކަލޭގެފާނު ބައްލަވާފައެއް ނުވެއެވެ. އިތުރު ތަކެތި ހޯއްދެވުމުގެ ފުރުސަތު އޮތް އިރުވެސް އުޅުއްވީ ވަރަށް މަދު އެއްޗަކުން ފުއްދަވައިގެންނެވެ. އެކަލޭގެފާނުގެ މަތިވެރިކަން ވަނީ އެކަލޭގެފާނު މިލްކުކުރެއްވި މުދަލަކު ނޫނެވެ. އެ މަތިވެރިކަން ވަނީ އެކަލޭގެފާނުގެ އުޅުއްވުމުގައާއި، މީހުންނާ މެދު ބެހެއްޓެވި ގާތްކަމާއި، މާތް الله އަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުމުގައެވެ.
ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވަނީ ކާމިޔާބީއަކީ އެއްވެސް ތަދެއް ނުވަތަ ހިތާމައެއް އިހުސާސް ނުވާނެ ހިސާބަކަށް ދިއުން ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ ﷺ ގެ ސީރަތުން ދަސްވަނީ މުޅިން ތަފާތު ފިލާވަޅެކެވެ. ކާމިޔާބީއަކީ ދިރިއުޅުމުގެ އިމްތިހާނުތައް ހުއްޓުމެއް ނޫނެވެ. ކާމިޔާބީއަކީ އެ އިމްތިހާނުތަކުގެ ސަބަބުން މާތް الله އާ ދުރަށް ނުގޮސް ސާބިތުވެ ހުރުމެވެ. ކަމެއް ނާކާމިޔާބުވާއިރުވެސް ޝުކުރުވެރިވުމުގެ ހިތްވަރު ހުރުމެވެ. ބާކީކޮށްލުމުންވެސް އޯގާތެރިކަން އިސްކުރުމެވެ. ހިތުގައި ޖެހުމުންވެސް އަނިޔާވެރިނުވުމެވެ. ބާރު ލިބުމުންވެސް މަޑުމޮޅިވުމެވެ. މުއްސަނދިކަން ލިބުމުންވެސް ސާދާކަން އިޚްތިޔާރު ކުރުމެވެ. އަދި އަނިޔާއެއް ލިބުމުން، މާފުކުރެވެން އޮތް ހިނދު މާފުކުރުމެވެ.
މިކަންކަމާ މެދު ވިސްނާލާއިރު، އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާ މެދުވެސް ފިކުރު ހިނގައެވެ. މާޒީގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު،އަޅުގަނޑުމެންނަށް މާ ބޮޑަށް ސަމާލުކަން ދެވިފައިވަނީ ގެއްލުނު އެއްޗެއްސަށެވެ. އެ ތަޖުރިބާތަކުން ލިބުނު ފިލާވަޅުތަކަކަށް ނޫނެވެ. އަޅުގަނޑުމެންނަށް ކަންކަމުގެ ނިމުން ކަމަށް ހީވި ކަންކަމަކީ، އަލުން ބިނާކުރުމަށް ލިބުނު ފުރުސަތުތަކަކަށް ވެދާނެއެވެ. ލިބުނު ބައެއް ތަދުތަކަކީ ކެތްތެރިކަން ދަސްކޮށްދިން ކަންކަމެވެ. ބައެއް މާޔޫސްކަންތަކަކީ މީހުންނަށް ބަރޯސާވުން ކުޑަކޮށް، މާތް الله އާ ކުއްތަންވުމަށް ލިބުނު ފުރުސަތުތަކެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ގެއްލުނު ކަމަށް އިހުސާސްވި ވަގުތުތަކަކީ، އަޅުގަނޑުމެން ވާންވީ އަސްލު އިންސާނާއާ މާތް الله އަޅުގަނޑު ކުއްތަންކޮށްދެއްވި ވަގުތުތަކަކަށް ވެދާނެއެވެ.
ލޮބުވެތި ރަސޫލާ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މިފަދަ ދުވަހެއްގައި، އެކަލޭގެފާނުގެ އަރިހުގައި ކުޑަވަގުތުކޮޅަކަށް ނަމަވެސް އިށީނދެލަންއަޅުގަނޑުގެ ހިތް އެދެއެވެ. ބައެއް ފަހަރު އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ދުޢާކުރަނީ އެކަލޭގެފާނާ ބައްދަލުވެ، އެކަލޭގެފާނުގެ ފަރާތްޕުޅުން އުނގެނުމުގެ ފުރުސަތު ލިބުމަށެވެ. އެކަލޭގެފާނު ވާހަކަފުޅު ދައްކަވާ އަޑުއެހުމާއި، ސުވާލުތައް ދެންނެވުމާއި، ދިރިއުޅުމާ މެދު އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތާއި، ހިތާމަތަކަށް ކެތްކުރެއްވި ގޮތާއި، މާފުކުރެއްވި ގޮތާއި، ލޯތްބާއި، މީހުންނާ މެދު ކަންތައް ކުރެއްވި ގޮތް އަމިއްލައަށް ދެނެގަތުމަށް އަޅުގަނޑުގެ ހިތް އެދެއެވެ. ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް، މާތް الله އާ އެކަލޭގެފާނު ބޭއްވެވި ވަރުގަދަ ގުޅުމުގެ ސިއްރަކީ ކޮބައިތޯ ބަލަން ބޭނުންވެއެވެ.
އެކަލޭގެފާނަށް ދަންނަވާލަން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. މީހުންގެ ފަރާތުން އަނިޔާ ލިބުނުއިރު އެހާ ކެތްތެރިވެވަޑައިގަތީ ކިހިނެއްތޯއެވެ؟ އެހާ ބޮޑަށް ބާކީކޮށްލުމުންވެސް ހިތްޕުޅު އެހާ މަޑުމޮޅިކޮށް ބޭއްވެވީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ދެނެނުގަތް މީހުންދެކެ ލޯބިފުޅުވީ ކިހިނެއްތޯއެވެ؟ އަމިއްލަފުޅު ހިތާމަތަކާއެކުވެސް މުޅި މުޖުތަމައު ބަދަލުކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވީ ކިހިނެއްތޯއެވެ؟ މާތް الله އެފަދަ މަތިވެރި ދަރަޖައެއް ދެއްވުމުންވެސް އެހާ ބޮޑަށް އަމިއްލަފުޅަށް ދަށްވެވަޑައިގަތީ ކިހިނެއްތޯއެވެ؟
ފަހަރުގައި އެ ސުވާލުތަކުގެ ޖަވާބު އެކަލޭގެފާނު އަޅުގަނޑުމެންނަށް ދޫކުރެއްވި ސީރަތުގައި އޮވެދާނެއެވެ.
އެކަލޭގެފާނު އަޅުގަނޑުމެންނަށް އުނގަންނައިދެއްވީ، ދިރިއުޅުމަކީ އަޅުގަނޑުމެންނަށް މެދުވެރިވާ ކަންކަން ކޮންޓްރޯލް ކުރުން ނޫން ކަމެވެ. އެއީ އެ ކަންކަމުގެ ސަބަބުންއަޅުގަނޑުމެން ބަދަލުވާ ގޮތް ކޮންޓްރޯލް ކުރުމެވެ. ލިބޭ ކޮންމެ ގެއްލުމެއް، ބޭވަފާތެރިކަމެއް ނުވަތަ އިމްތިހާނެއް އަޅުގަނޑުމެންނަކަށް އިޚްތިޔާރެއް ނުކުރެވޭނެއެވެ. ނަމަވެސް އެ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތައް ހަރުކަށިވާން ދޫކޮށްލާނީތޯ ނުވަތަ އިޚްލާޞްތެރިކަމާއެކު މާތް الله އަށް ކުއްތަންވާނީތޯ އިޚްތިޔާރު ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް އެބައޮތެވެ.
މިއަދު އަޅުގަނޑު ބޭނުންވަނީ ހަމައެކަނި ރަސޫލާ ﷺ ގެ ހަނދާން އާކޮށްލުމެއް ނޫނެވެ. އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމުގެ މާނައަކީ ކޮބައިތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމެވެ. އެއީ އިތުބާރު ހުރި، އޯގާތެރި، ކެތްތެރި، މާފުކުރާ، އަދި މަޑުމޮޅި މީހަކަށް ވުމެވެ. މީހުންނަށް އިހުތިރާމާއެކު ކަންތައް ކުރުމެވެ. ވަގުތީ ތަދެއްގެ ސަބަބުން އަޅުގަނޑުގެ ކިބައިގައިވާ ރަނގަޅު ސިފަތައް ބަދަލުވިޔަ ނުދިނުމެވެ. ދުނިޔެ އިތުރަށް ބޭނުންވާ ކަމަށް ބުނާއިރުވެސް، ފުދުންތެރި ސާދާ ދިރިއުޅުމެއް އުޅުމެވެ. ދިރިއުޅުން ބުރަވާ ހިނދު މާތް الله ހަނދުމަކުރުމެވެ. އަދި އެހެން މީހުންގެ ދިރިއުޅުމަށް ލުއިކަމެއް ގެނެސްދޭ މީހަކަށް ވުމެވެ.
ފަހަރުގައި، މި ދުނިޔެއަށް ވަޑައިގެން މުޅި ދުނިޔެ ބަދަލުކޮށްލެއްވި އެ މަތިވެރި އިންސާނާއަށް އިހުތިރާމް އަދާކުރުމަށް އޮތް އެންމެ ރަނގަޅު މަގަކީ މިއީ ކަމަށް ވެދާނެއެވެ.
ޔާ الله! އަޅުގަނޑުމެންގެ ހިތްތަކުގައި ލޮބުވެތި ރަސޫލާ މުޙައްމަދު ﷺ އަށް އޮތް ލޯބި އިތުރުކޮށްދެއްވާށިއެވެ. އެކަލޭގެފާނުގެ ދިރިއުޅުމުގެ ވާހަކަތައް ހަމައެކަނި އެނގުމުގެ ބަދަލުގައި، އެއިން ފުން މާނަތަކެއް ދެނެގަތުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި އެކަލޭގެފާނުގެ މަތިވެރި އަޚްލާޤު އަޅުގަނޑުމެންގެ ދިރިއުޅުމަށް ގެނައުމުގެ ހިތްވަރު ދެއްވާށިއެވެ. އަދި ކޮންމެވެސް ދުވަހަކުން، އެކަލޭގެފާނުގެ އަރިހުގައި އިށީނދެލައިގެން އިނދެ، އަޅުގަނޑުމެންގެ ހިތް އެދޭ ހުރިހާ ކަމެއް އޮޅުންފިލުވުމުގެ ޝަރަފު އަޅަމެންނަށް މިންވަރުކޮށްދެއްވާށިއެވެ. އާމީން.
اللهم صل وسلم وبارك على نبينا محمد ﷺ

Comments
Post a Comment