އިންސާނާގެ ވިސްނުން
ކުޑަކުއްޖަކު ބޮޑުވެގެން އަންނަންއިރު އެކުއްޖާ އުޅެ
ބޮޑުވާ މާހައުލާ އެކުއްޖާގެ ވިސްނުމާ ވަރަށް ބޮޑު ގުޅުމެއްވެއެވެ. މައިން ބަފައިން
ދުރުވުމުން އެންމެ ބޮޑު އަސަރެއް ކުރަނީ އެ ތުއްތު މަޢުޞޫމް ކުދިންނަށެވެ.
މިކަމުގެ ނޭދެވޭ އަސަރު ނޭނގިނަމަވެސް އެކުއްޖާ ފުރާވަރުގައާއި ބޮޑުވެ ޒަވާޖީ
ހަޔާތެއް ފެރުށުމުން ކުރެއެވެ. މިހެން މިދިމާވަނީ އޭނާ އެ އިޙްސާސުތައް
ގިނަދުވަސްތަކެއް ވަންދެން ތަހައްމަލްކުރަން ޖެހުމުގެ ސަބަބުންނެވެ. ބައެއް ފަހަރު
މިފަދަ ކަންކަމުގެ ސަބަބުން އެނާ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެސް ވެގެންދެއެވެ.
އިންސާނުން ފިޔަވައި ދިރޭ ކޮންމެ އެއްޗަކީ އެސޮރުމެންގެ
މާހައުލާއި އެއްގޮތަށް ހޭނި އާލާވުމުގެ ބާރުލިބިފައިވާ މަހުލޫގުންނެވެ. އެހެންނަމަވެސް
އެހެން އެއްވެސް ދިރޭއެއްޗަކަށް ދެއްވާފައިނުވާ ނިޢުމަތެއް އަޅުގަނޑުމެން
އިންސާނުންނަށް ލިބިގެންވެއެވެ. އެއީ އިންސާނާގެ ބުއްދީގެ ބާރެވެ.
ބުއްދިއަކީ އިންސާނާގެ ސިކުނޑިކަމަށް ބައެއް ބޭފުޅުން
ދެކުނަސް އެއީ މުޅިން ގޯހެއްކަމަށް ބައެއް ޢިލްމީމާހިރުން އެއްބަސްވެއެވެ. މި
ޢިލްމުވެރިން ދެކޭގޮތުގައި އިންސާނާގެ ބުއްދި ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ
އެގިނހުރެ ވިސްނުން އުފައްދާ ބަޔަކާއި ނޭނގި ހުރެ ވިސްނުން އުފައްދާ ބަޔެކެވެ. އަދި
ބުއްދިއަކީ އެއްވެސް އިންސާނަކަށް ފެންނަން ހުންނަ ގުވަނެއް ނޫންކަމަށްވެސް މި
ބޭފުޅުން ވިދާޅުވެއެވެ.
އިންސާނާގެ ބުއްދިއާއި ބެހޭގޮތުން ހާވަރޑް ބިޒްނަސް
ސްކޫލްގެ ގެރާލްޑް ޒަލްޓްމަން ކުރެއްވި ޢިލްމީ ދިރާސާއިން ދައްކުވައިދޭގޮތުގައި އިންސާނާގެ
ނުވަދިހަފަސް އިންސައްތަ ވިސްނުމަކީ ނޭނގިހުރެ ވިސްނާވިސްނުން ތަކެކެވެ.
އަނެއްބައި ޢިލްމީމާހުރުން ވިދާޅުވައި ގޮތުގައި ދުނިޔޭގެ ނުވަދިހަ ފަސް އިންސައްތަ
އިންސާނުންނަކީ ކަންކަމާއި ހަޤީގަތުގައި ވިސްނާ ބައެއް ނޫންނެވެ. ގިނަފަހަރު
އެފަދަ މީހުން ވިސްނުންހުންނަނީ ކުރީގެ ވެދިޔަ ކަންކަމާއިމެދު ނުވަތަ އެ
ވަގުތެއްގައި ހިނގާކަމާއިމެދުއެވެ. އަދި މިފަދަ މީހުންގެ އަމަލުތަކާއި އިޙްސާސުތައް
ހުންނާނީ އެއިރެއްގެ ނަތީޖާއާއި ގުޅިފައެވެ. އެހެން ނަމަވެސް މިއީ އެއްވެސް
މީހެއްގެ އިހުމާލުންވާ ކަމެއްނޫނެވެ.
އެމީހެއް އުޅެ ބޮޑުވައި މާހައުލުގެ ސަބަބުން އެއް
ހާދިސާއަކާއި ދޭތެރޭ އެނެއް މީހާއާއި ހިޔާލުތަފާތުވެއެވެ. ބައެއް ބޭފުޅުންނަށް
ވަޒީފައި ގެއްލުމަކީ ލިބޭ ދެރައެއްކަމުގައި ވީނަމަވެސް އަނެއްބައި މީހުންނަށް
ވަޒީފައި ގެއްލުމަކީ އޭނާ އަމިއްލަ ވިޔަފާރި ކުރުމަށް މަގުފަގުފަހިގެވެން ދިޔަ
ދަޑިވަޅެއްކަމަށް ދެކެއެވެ. މިއީ އެކި އިންސާނުން އެއިރެއްގެ އެމީހަކަށް ދިމާވާ
ކަންކަމާމެދު ދެކޭގޮތް ތަފާތުވުމުގެ އިތުރުން އެމީހާ އެދަޑިވަޅެއްގައި އަޅާ
ފިޔަވަޅުގެ ތަފާތުކަން ދައްކުވައިދޭ މިސާލެކެވެ.
ކަންކަމާއި ހޭލުންތެރިވެ، އެގިނހުރެ ވިސްނާ މިހުންނަކީ ދިރިއުޅުމުގެ
އެކިކަންކަމުގައި ކުރިއަރާ ކާމިޔާބު މީހުންކަމުގައިވެއެވެ. އަދި މިއީ ދުނިޔޭގެ ވަރަށް
މަދު އިންސައްތައެއްކަމަށްވެސް ބައެއް އިލްމީ މާހިރުން ވިދާޅުވެއެވެ. ބިލް ގޭޓްސް،
ރަލުފު ލޯރެއިން، ސްޓީވް
ޖޮބްސް، ރިޗަރޑް ބްރޭންސަން ފަދަ ބޭފުޅުންނަކީ އެއްވެސް މަތީ ތަޢުލީމެއް ނެތި
ކުރިއަރާފައިވާ ބޭފުޅުންނެވެ. މިފަދަ ބޭފުޅުންނަކީ
ކަންކަމާއި ކެރިގެން ކުރިމަތިލާ، ނާކާމިޔާބީގައި ފަސްނުޖެހި ހިތްވަރާއެކީ
ކުރިއަށްދާ ބައެއްކަމުގައި އެކިއެކި ލިޔުންތަކުން ސިފަކުރައްވާފައިވެއެވެ.
ވަރޖިން ގްރޫޕްގެ ވެރިޔާ ރިޗަރޑް
ބްރެޑްސަންއަކީ ޑިސްލެކްސިއާ ހުންނަ ބޭފުޅެކެވެ. ޑިސްލެކްސިއާއަކީ މީހާ ދުނިޔެއަށް
އުފަންވާއިރުވެސް ލިޔުމާއި، ކިޔުމާއި އަދި ދަސްކުރުމުގައި ނުކުޅެދުންތެރިކަމެއް
ހުރުމުން ކިޔާ ބައްޔެކެވެ. ރިޗަރޑް ބްރެޑްސަން އޭނާގެ މިނުކުޅަދުންތެރިކަމަކީ
އޭނާއަށް ލިބިފައިވާ ބާރެއްމަކުގައި ދެކެއެވެ. އަދި އޭނާގެ ކާމިޔާބީގެ ސިއްރަކީ
ކޮންމެ ކަމެއް އެހެން މީހުންނާ ތަފާތުކޮށް ވިސްނުންކަމުގައި އޭނާ ބުނެއެވެ. ރިޗަރޑް ބްރެޑްސަންފަދަ ބޭފުޅުންގެ ވިސްނުން
ތަފާތުވަނީ އެބޭފުޅުން އެއިރެއްގައި ދިމާވާ ދަތިކަމަކީ ހުރަހެއްކަމަށް ނުދެކި
ވިސްނުމުގެ އަމާޒު ބަދަލުކުރައްވާތީއެވެ. އަދި މިފަދަ ބޭފުޅުންނަކީ ކަމެއް ކުރަން
ކުރިމަތިލައްވައިފިއްޔާ ކާމިޔާބު ހޯއްދެވުމުގެ ވިސްނުން އެކާމިޔާބީއެއް ޙާސިލްވުމުގެ ކުރިން ގެންގުޅުއްވާ ބޭފުޅުންނެވެ.
ބައެއް
ބޭފުޅުންނަށް މިގޮތަށް ވިސްނަން ދަތިވަނީ އެމީހުންގެ ވިސްނުން ކުޑައިރުގެ
މާހައުލާއެއްގޮތަށް ބައްޓަންކުރެވިފައިވާތީއެވެ. މިފަދަ މީހުން ކޮންމެ ކަމެއް
ކުރާއިރުވެސް ވިސްނުން ހުންނަނީ ވަކިމިންގަނޑަކަށެވެ.
އެހެނަސް މިހާގެ ވިސްނުމަކީ
ތަމްރީނު ދީގެން ބަދަލުކުރެވޭނެ އެއްޗެއްކަމަށް ކަމާބެހޭ މާހިރުން
އެއްބަސްވެއެވެ. އެގޮތުން ޓޯނީ ރޮބިންސް، ބޮބް ޕްރޮކްޓަރ އަދި ލީސާ ނިކޯލްސްފަދަ
ކޯޗުން އެތައް މިލިޔަން މީހުންގެ ވިސްނުން ބަދަލުކުރައްވާފައިވެއެވެ. މި
ތަމްރީންތަކަކީ ވަރަށް ފުރިހަމަ އަޙްލާޤާއި އެކަމަށް ތިމާގެ އަމިއްލަ މަސައްކަތާއި
އެއްބާރުލުން ބޭނުންވާ ތަމްރީން ތަކެކެވެ.
ކޮންމެ އިންސާނަކަށްވެސް ރަގަނޅުގޮތާއި
ނުބައިގޮތް އިޙްތިޔާރުކުރުމުގެ ބާރުލިބިގެންވަނީ އެ އިންސާނާގެ ބުއްދީގެ ބޭނުންކޮށްގެންނެވެ. އަދި އެމީހަކު އަބަދު ވިސްނާކަމަކީ އޭނާގެ ދިރިއުޅުން ބައްޓަންކުރެވިގެންދާނެގޮތް ކަމުގެވެސްވެއެވެ. އެމީހެއްގެ އަމަލާއި ބަހުރުވަވެސް އެނާގެ ވިސްނުމުގެ ފެންވަރު ރަމްޒުކޮށްދެއެވެ.
Comments
Post a Comment