
ހުކުރު ދުވަހެއްގެ މި މެންދުރުފަހު މަސައްކަތުގައި އިނދެ، ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މި ދަތުރުގައި މިހާތަނަށް އާދެވުނު ހިސާބާމެދު އަޅުގަނޑު ފިކުރުކޮށްލީމެވެ. ކުޑަކުޑަ ޚިޔާލަކުން ފެށުނު މި މަސައްކަތް މިހާ ބޮޑަށް ފުޅާވެގެން ދިޔަ ގޮތާމެދު ބައެއްފަހަރު އަޅުގަނޑު އަމިއްލައަށްވެސް އަޖައިބުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަފާތު ގަޑިތަކަށް ފިތިގެން، ރޭގަނޑުގެ ގިނަ ވަގުތުތަކެއްގައި ތަޖުރިބާކާރުންގެ ސެޝަންތަކުގައި ބައިވެރިވެ އުނގެނުމުގައި ހޭދަކުރަން ޖެހުނު ކިތަންމެ ރެއެއް ދިޔައެވެ. ނަމަވެސް، އަބަދުވެސް އާ ކަންތައްތަކެއް އުނގެނުމަށް އޮންނަ ފުރުސަތުތަކުގެ މުހިންމުކަން ގަބޫލުކުރެވޭތީ، އެކަމަށް އަބަދުވެސް ވަގުތު ހުސްކުރަމެވެ. އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ އެއް އަސާސަކީ، މެދުކެނޑުމެއްނެތި ކުރިއަށްދިއުމާއި ޚިދުމަތް ކުރުމުގައި ދެމިހުރުމެވެ. ކުރާ މަސައްކަތުގެ ނަތީޖާ ވަގުތުން ނުފެނުނު ކަމުގައިވިޔަސް، މެދުކެނޑުމެއްނެތި އުނގެނުމާއި، އުނގަންނައިދިނުމުގައި ދެމިހުރުެއްޖެނަމަ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި ވަށައިގެންވާ މާހައުލަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާނެއެވެ.
އިންސާނާގެ ސިކުނޑި އުފެދިފައިވަނީ އުނގެނުމަށާއި ކަންކަމަށް ހޭނުމަށް ފަހިވާ ގޮތަށް ކަމަށްވުމީ އަޅުގަނޑު ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެކެވެ. ކޮންމެ އާ އެއްޗެއް އުނގެނޭ ހިނދު، ސިކުނޑީގެ ނިއުރޯންތަކުގެ މެދުގައި އާ ގުޅުންތަކެއް އުފެދި، އެ ގުޅުންތައް ވަރުގަދަވެގެންދެއެވެ. އުނގެނޭ ކަންކަން އަމަލީ ގޮތުން ތަންފީޒުކުރާ މިންވަރަކަށް އެ ގުޅުންތައް އިތުރަށް ބަދަހިވެއެވެ. އެހެންކަމުން، އުނގެނޭ އިލްމަކީ ހަމައެކަނި ސިކުނޑީގައި ރައްކާކުރެވިފައި ހުންނަ މައުލޫމާތުތަކަކަށް ވެގެން ނުވާނެއެވެ. އުނގެނޭ ކަންކަން އަމަލީ ގޮތުން ތަޖުރިބާކުރުމުން، އެއީ ތަބީއީ ގޮތުން އަޅުގަނޑުމެންގެ ކިބައިގައި ހުންނަ ސިފަތަކަކަށް ބަދަލުވެގެންދެއެވެ. އެއީ މުއާމަލާތްކުރުމުގެ ހުނަރުވިޔަސް، އިހުސާސްތައް ދެނެގަތުންވިޔަސް ނުވަތަ ބޯދާ އާދަތަކެއް ބަދަލުކުރުން ކަމުގައިވިޔަސް، ތަކުރާރުކޮށް ކުރާ މަސައްކަތުން ސިކުނޑީގައި އާ އޮނިގަނޑުތަކެއް ބިނާވެއެވެ. ހޭލުންތެރިކަމާއެކު އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމަކީ، ސިކުނޑިއަށް އާ ގޮތްތަކެއް ދަސްކޮށްދިނުމަށް ލިބޭ ފުރުސަތެކެވެ.
އަމިއްލަ ނަފްސު އިލްމުން މުއްސަނދިކުރަން ޖެހެނީވެސް މި ސަބަބަށްޓަކައެވެ. އަމިއްލައަށް އުނގެނި، ފިކުރުކޮށް، ކުރިއަރަން މަސައްކަތް ނުކުރާނަމަ، އެހެން މީހުންނަށް ފޯރުކޮށްދެވޭނެ އެއްޗެއް ނޯންނާނެއެވެ. އަޅުގަނޑު ދެކޭގޮތުގައި އިލްމު ހޯދުމަކީ ތަށްޓެއް ފުރުން ފަދަ ކަމެކެވެ. ތަށި ފުރި ބާރުވުމުން އޭގެ ދަށުގައި އޮންނަ ތަށިމަތިގަނޑަށް (ސޯސަރު) އޮހިގެންދާ ފަދައިން، އަޅުަގަނޑުމެން އުނގެނޭ އެއްޗެއް އެހެން މީހުންނަށް ފޯރުކޮށްދޭންޖެހެއެވެ. ފޮތްތަކުންނާއި، މީހުންގެ ކިބައިންނާއި، ތަޖުރިބާކާރުންނާއި، އަދި އަމިއްލަ ތަޖުރިބާތަކުން ލިބޭ އިލްމު އިތުރުވެ ބޭރުވާން ފެށުމުން، އޭގެ ފައިދާ އެހެން މީހުންނަށް ކުރަންވާނެއެވެ. އިލްމުގެ ހަގީގީ މާނައަކީ މިއެވެ. އެއީ ހަމައެކަނި އެއްކުރާ މައުލޫމާތުތަކެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އަމަލުތައް އިސްލާހުކޮށް، އެހެން މީހުންނަށް އެހީތެރިވުމަށް ބޭނުންކުރާ ވަސީލަތެކެވެ.
އިލްމަކީ ޚަޒާނާއެއް ކަމަށް ބުނެވޭ ބަހުގެ ހަގީގީ މާނަ ފެންނަނީ އެއަށް އަމަލުކުރުމުންނެވެ. "އިމޯޝަނަލް އިންޓެލިޖެންސް" ނުވަތަ ޖަޒުބާތީ ހޭލުންތެރިކަމުގެ ހުރިހާ އެއްޗެއް އެނގުނަސް، ދިމާވާ ކަންކަމުގައި ހޭލުންތެރިކަމެއް ނެތި އަމަލުކުރެވޭނަމަ އެއިން ކުރާނެ ފައިދާއެއް ނެތެވެ. މުއާމަލާތްކުރުމުގެ ހުނަރު އެނގުނަސް އަޑުއެހުމުގެ ސިފަ ނެތްނަމަ، ނުވަތަ ލީޑަރޝިޕް އެނގުނަސް އަމިއްލަ އަމަލުތަކުން އެހެން މީހުންނަށް ކުރާ އަސަރު ނޭނގޭނަމަ، އެ އިލްމުގެ ބޭނުމެއް ނެތެވެ. އިލްމާއި އަމަލާ ދެމެދު އޮންނަ ހުސްކަން ފޫބެއްދުމަކީ އިންސާނާގެ ކުރިއެރުމުގެ އަސްލެވެ. އުނގެނޭ ކަންކަމަށް އަމަލުކުރުމުން، ސިކުނޑިއަށް އެކަމުގެ ތަޖުރިބާ ލިބި، ކުރިން އުނދަގޫވި ކަންކަން ފަސޭހަވެގެންދެއެވެ. އެހެންކަމުން، އުނގެނުމަކީ ހަމައެކަނި މައުލޫމާތު ހޯދުމެއް ނޫނެވެ. އެއީ އަމަލީ ގޮތުން ކުރާ މަސައްކަތުން އަމިއްލަ ނަފްސު އިސްލާހުކޮށް، މުޅިން ތަފާތު ފުރިހަމަ އިންސާނަކަށް ބަދަލުވުމެވެ.
ކީރިތި ގުރުއާނުގެ އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތް ފެށިފައިވަނީ "ކިޔަވާވިދާޅުވާށެވެ" މި ބަހުން ކަމަށްވުމީ އަޅުގަނޑު އަބަދުވެސް ވަރަށް ބޮޑަށް ފިކުރުކުރާ ކަމެކެވެ. އިންސާނާގެ ދަތުރު ފެށެނީ އިލްމު ހޯދުމުންނެވެ. އަދި "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯ! މިއަޅާއަށް އިލްމު އިތުރުކޮށްދެއްވާށި" މިފަދައިން ދުޢާކުރުމަށް އަންގަވާފައިވުމީ، އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށް އެނގުނު ކަމުގައިވިޔަސް، އަދިވެސް އުނގެނެންޖެހޭ ކަންކަން ހުންނާނެކަން ހަނދާންކޮށްދޭ ރީތި މިސާލެކެވެ. އެއްޗެއް ނޭނގުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ސުވާލުކުރެވިދާނެއެވެ. ކިޔެވިދާނެއެވެ. އަދި އަޑުއަހައި އުނގެނި ކުރިއެރިދާނެއެވެ. މުޅި އުމުރު ދަރިވަރެއްގެ ގޮތުގައި ހުރުމަކީ ނިކަމެތިކަމެއް ނޫނެވެ.
އަދި އުނގެނޭ ކަންކަން އެހެން މީހުންނާ ހިއްސާކުރުމަކީ މުހިންމު ކަމެކެވެ. ބައެއް މީހުން ދެކޭގޮތުގައި އެހެން މީހުންނަށް އުނގަންނައިދިނުމުން، އެމީހުން އަޅުގަނޑުމެންނަށްވުރެ މޮޅުވެ، އަޅުގަނޑުމެންގެ މަގާމު އަތުލައި ނުވަތަ އަޅުގަނޑުމެންގެ ބޭނުން ކެނޑިދާނެއެވެ. ނަމަވެސް އެފަދަ ބިރުވެރިކަމެއްގެ ތެރޭގައި ދިރިއުޅުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް އެނގޭ އެއްޗެއް އެހެން މީހުންނަށް ކިޔައިދިނުމަކީ އަޅުގަނޑުމެންގެ ކިބައިން އިލްމު މަދުވާ ކަމެއް ނޫނެވެ. ހަގީގަތުގައި، އެހެން މީހަކަށް އެއްޗެއް ސާފުކޮށްދޭ ހިނދު، އަމިއްލަ ނަފްސަށް އެކަމެއްގެ ފަހުމް މާ ބޮޑަށް އިތުރުވެގެންދެއެވެ. އުނގަންނައިދިނުމަކީ އަމިއްލަ އިލްމު ވަރުގަދަކޮށްދޭ، އަދި އެހެން މީހަކަށް ކުރިއެރުމުގެ ފުރުސަތު ދޭ ކަމެކެވެ. އަދި އެއްވެސް އިންސާނަކަށް އަނެކާގެ މަގާމު ފުރިހަމައަށް ފުރައެއް ނުލެވޭނެއެވެ. އެހެނީ ކޮންމެ އިންސާނަކީވެސް ތަފާތު ޝަޚުސިއްޔަތެކެވެ. މީހަކަށް ތިބާގެ ހުނަރުތައް ދަސްކުރެވިދާނެއެވެ. ނުވަތަ އެއް ކަމަކުން ތިބާއަށްވުރެ މޮޅުވެސް ވެދާނެއެވެ. ނަމަވެސް ތިބާގެ ތަޖުރިބާތަކާއި، ދެކޭގޮތާއި، މިޒާޖާއި، އަދި ތިބާ މި ހުރިހާ ކަމެއް އެކުލަވައިލާ ގޮތަކީ ހަމައެކަނި ތިބާއަށް ޚާއްސަ ކަންކަމެވެ.
ވީމާ، ހުކުރު ދުވަހުގެ މި ވަގުތު މި ދަތުރާމެދު ފިކުރުކުރާއިރު، އަޅުގަނޑު ކުރަމުންދާ މަސައްކަތުގައި ދެމިހުންނަންވީ ސަބަބު އަމިއްލަ ނަފްސަށް ހަނދާންކޮށްދެމެވެ. އިންސާނާގެ ސިކުނޑިއާއި، ފިކުރުތަކާއި، އިހުސާސްތަކާއި ތަޖުރިބާތައް އަޅުގަނޑުގެ ދިރިއުޅުމަށް އަސަރުކުރާ ގޮތާ ބެހޭގޮތުން އުނގެނި، ހޭލުންތެރިކަން އުފެއްދުމަށް އަދިވެސް ކުރަންޖެހޭ ކިތަންމެ މަސައްކަތެއް އެބަހުއްޓެވެ. އަޅުގަނޑުގެ މި މަސައްކަތަކީ އަންނަންޖެހޭ ބޮޑު ބަދަލުގެ ކުޑަކުޑަ މިންވަރަކަށް ވެދާނެއެވެ. ނަމަވެސް ކޮންމެ ކުޑަ މިންވަރަކީވެސް މުހިންމު އެއްޗެކެވެ. އަޅުގަނޑުމެން އަމިއްލަ ނަފްސު އިލްމުން މުއްސަނދިކޮށް، އުނގެނި، އަމަލީ ގޮތުން އެކަން ތަޖުރިބާކޮށް، ސިކުނޑީގައި އާ އޮނިގަނޑުތަކެއް ބިނާކޮށް، އެ އިލްމުގެ ފައިދާ އެހެން މީހުންނަށް ފޯރުކޮށްދޭންޖެހެއެވެ. ހޭލުންތެރި މުޖުތަމަޢެއް ބިނާކުރެވޭނީ މިފަދައިންނެވެ. އެއީ ހަމައެކަނި އެކަކު ހުރިހާ އެއްޗެއް ދަސްކޮށްގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، އަޅުގަނޑުމެން އެންމެން އެކުގައި އުނގެނުމުގައި ދެމިތިބެ، އެނގޭ މިންވަރު ހިއްސާކޮށް، އެކަކު އަނެކަކަށް ހޭލުންތެރިވުމަށް އެހީތެރިވެދީގެންނެވެ.
Comments
Post a Comment