މިފަހުން އަޅުގަނޑު ބަލާލި "The Diary of a CEO" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި ޑރ. ލިއޭން ޓެން ބްރިންކޭއާއެކު ދޮގުހެދުމާއި، މަކަރާއި ހީލަތް ހެދުމާއި، އިތުބާރު ކުރުމާއި އަދި މީހަކު ދޮގުހަދާކަން ދެނެގަންނާނެ ގޮތްތަކާ ބެހޭގޮތުން ވަރަށް ޝައުގުވެރި ވާހަކަތަކެއް ދެއްކެވިއެވެ. އަޅުގަނޑު އެ ވީޑިއޯ ބަލަން ފެށީ އާންމުކޮށް އަޅުގަނޑުމެންނަށް އިވޭ ގޮތަށް، މީހެއްގެ ލޮލަށް ބަލާލުމުން ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކުންނާއި ހާސްވާ ގޮތުން ދޮގުހަދާކަން އެނގޭނެ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް، އެ ވާހަކަތައް އަޑުއަހަމުން ދިޔަވަރަކަށް، މިއަށްވުރެ މާ ފުން ކަމަކާ މެދު އަޅުގަނޑަށް ވިސްނާލެވުނެވެ. އެއީ، އެހެން މީހުންގެ އަމަލުތަކަށް ބަލާފައި، އެމީހުންގެ ހިތުގައިވާ އެއްޗެއް ނުވަތަ އެމީހުންނަށް ކުރެވޭ އިހުސާސްތައް އަޅުގަނޑުމެންނަށް އެނގޭ ކަމަށް ކިތައް ފަހަރު ގަބޫލުކުރެވޭ ބާވައެވެ؟ އަޅުގަނޑުމެން އަބަދުވެސް ތިބެނީ މީހުން ދެނެގަތުމުގެ މަސައްކަތުގައެވެ. މީހަކު ހަތަރުކަޅި ހަމަނުކުރުމުން ނުވަތަ އަޑަށް ބަދަލު އައުމުން، މަޑުމައިތިރިވުމުން ނުވަތަ ޖަވާބުދޭން ލަސްވުމުން އެއީ ކޮންމެވެސް ކަމެއްގެ ނިޝާނެއް ކަމަށް އަޅުގަނޑުމެންގެ ސިކުނޑި ވަގުތުން ނިންމައި، އެކަމާ މެދު ޚިޔާލީ ވާހަކައެއް އުފައްދައެވެ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަ ފެނުމާއި، އަޅުގަނޑުމެން ނިންމާ ނިންމުމަކީ އަބަދު އެއް އެއްޗަކަށް ނުވެދާނެއެވެ.
ބުނާ ބަހުގެ ފަހަތުގައިވާ މާނަ ދެނެގަތުން
އެ މަޝްވަރާއިން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ، މީހަކު ދޮގުހަދާކަން ދެނެގަނެވޭނެ ހަމައެކަނި ވަކި ހަރަކާތެއް ނޯންނަ ކަމެވެ. މީހަކު ހަތަރުކަޅި ހަމަނުކުރުމަކީ އޭނާ ދޮގުހަދަނީ ކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ. މީހަކު ހާސްވެފައި ހުރުމަކީ ކަމެއް ފޮރުވަނީ ކަމަށް ވާކަށް ނުޖެހެއެވެ. އަދި ޔަގީންކަމާއެކު ވާހަކަދެއްކުމަކީ އެއީ ތެދު ކަމަށް ވުން ވެސް ލާޒިމެއް ނޫނެވެ. އިންސާނުންގެ އަމަލުތަކަކީ މިއަށްވުރެ މާ އޮޅުންބޮޅުން ބޮޑު ކަންތައްތަކެވެ. އެއް އަމަލަކަށް ތަފާތު އެތައް މާނައެއް އޮވެދާނެއެވެ. އެހެންކަމުން، މީހެއްގެ އަމަލުތައް ފެނުމާއެކު ވަގުތުން ގޮތް ނިންމުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް ހޭލުންތެރިވުން މުހިންމެވެ.
މިކަމާ މެދު ވިސްނާލުމުން އަޅުގަނޑުމެންގެ ދިވެހި ސަގާފަތް ހަނދާނަށް އައެވެ. އަޅުގަނޑުމެންނަކީ ބުނާ ބަހަށްވުރެ ބޮޑަށް ނުބުނެ ދޫކޮށްލާ ވާހަކަތަކުން މުއާމަލާތްކުރާ ބައެކެވެ. މީހެއްގެ ހިތުގައި ޖެހިދާނެތީ ސީދާކޮށް އެއްޗެހި ބުނުމުގެ ބަދަލުގައި ނުސީދާ ބަސްމަގު ބޭނުންކުރަމެވެ. ސީދާ "ނޫނެކޭ" ބުނުމުގެ ބަދަލުގައި "ބަލާލާނަން" ނުވަތަ "މަސައްކަތް ކުރާނަން" ފަދަ ބަސްތައް ބޭނުންކުރަނީ އަސްލު މާނަ ސިއްރުކޮށްފައެވެ. މި ސަބަބަށްޓަކައި، ގިނަ ދިވެހިންނަކީ މީހުންގެ ހަރަކާތްތަކާއި، އަޑުގެ ރާގަށް އަންނަ ބަދަލުތަކުން މާނަ ދެނެގަންނަން ވަރަށް ކުޅަދާނަ ބައެކެވެ.
ދެނެގަތުމަކީ އަމިއްލައަށް ގޮތް ނިންމުމަށް ވެގެންދާއިރު
ނަމަވެސް، މިކަމުގައި ސަމާލުވާންޖެހޭ ކަމެއް އެބައޮތެވެ. މީހުންގެ ހަރަކާތްތަކުން މާނަ ދެނެގަންނަން މާ ބޮޑަށް އުޅެން ފެށުމުން، ބައެއް ފަހަރު އަޅުގަނޑުމެން އަމިއްލައަށް އެހެން މީހުންގެ ހިތުގައިވާ އެއްޗެއް ކަނޑައަޅަން ފަށަމެވެ. މީހަކު މަޑުމައިތިރިވުމުން އޭނާ ހުރީ ރުޅިއައިސްފައި ކަމަށް ނިންމައެވެ. މީހަކު ހަތަރުކަޅި ހަމަނުކުރުމުން އޭނާ ދޮގުހަދަނީ ކަމަށް ނިންމައެވެ. ޖަވާބުދޭން ލަސްވުމުން ކަމެއް ފޮރުވަނީ ކަމަށް ނިންމައެވެ. މިގޮތަށް އަޅުގަނޑުމެންގެ ސިކުނޑި އަމިއްލައަށް ވާހަކައެއް އުފައްދައި، އެ ވާހަކަ ސާބިތުކުރަން ހެކި ހޯދަން ފަށައެވެ.
މިއީ އަޅުގަނޑުމެންގެ އަމިއްލަ ތައައްސުބުތައް (biases) މައްސަލައަކަށް ވާ ހިސާބެވެ. އަޅުގަނޑުމެންނަށް ފެންނަ މީހާގެ އަސްލު ހާލަތަށް ބެލުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ސިކުނޑީގައި ކުރިން ކުރެހިފައިވާ ތަސްވީރަކަށް ހުރިހާ ކަމެއް ފައްތަން ފަށަނީއެވެ. އެ މީހަކީ ވަރުބަލިވެފައި، ނުވަތަ ކަމަކާ ކަންބޮޑުވެފައި، ނުވަތަ އުނދަގޫވެފައި ހުރި މީހަކަށް ވެދާނެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ސިކުނޑި އޮންނަނީ މާ ކުރިން ގޮތް ނިންމާފައެވެ.
ހުނަރަކީ ދޮގު އަތުލުމެއް ނޫން
އެހެންކަމުން، ހަގީގީ ހުނަރަކީ ދޮގު ހޯދާ މެޝިނަކަށް ވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކަންކަން ރަނގަޅަށް ފާހަގަކުރާ މީހަކަށް ވުމެވެ. "ތިހުރީ ދޮގުހަދަން، އެހެންވެ މަށާ ހަތަރުކަޅި ހަމަނުކުރެވެނީ" ބުނުމާއި، "މި ވާހަކަ ދައްކަން ފެށީމާ ތިބާ ވަރަށް ބޮޑަށް ހިމޭންވިކަން ފާހަގަކުރެވުނު، މިކަމާ ވާހަކަދައްކަން އުނދަގޫވަނީތޯ؟" ބުނުމާ މެދު ބޮޑު ތަފާތެއް އެބަހުއްޓެވެ. ފުރަތަމަ ބުނި ބަހުން މުއާމަލާތް ހުއްޓުމަކަށް އަންނައިރު، ދެވަނަ ބަހުން އިތުރަށް ވާހަކަދައްކަން ފުރުސަތު ލިބެއެވެ.
އަޅުގަނޑުމެންގެ ގުޅުންތަކާއި، އާއިލާތަކާއި، ވަޒީފާގެ މާހައުލުގައި މިފަދަ ހޯދާބެލުމުގެ ރޫހު (curiosity) އާލާކުރަން ޖެހެއެވެ. މީހަކު ބުނި އެއްޗެއްގެ މާނަ އަމިއްލައަށް ނިންމުމުގެ ބަދަލުގައި، އެ މީހެއްގެ ގާތުން އޮޅުންފިލުވިދާނެއެވެ. މީހަކު ކުށްވެރިކުރުމުގެ ބަދަލުގައި، ކަން ހިނގި ގޮތް ސާފުކުރެވިދާނެއެވެ.
ދޮގަކާއި އާދަޔާ ދެމެދު ހުރި ތަފާތު
މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ނާސިސިސްޓް (narcissist) ނުވަތަ މެނިޕިއުލޭޝަން ފަދަ ނަފްސާނީ ބަސްތައް ބޭނުންކުރުން ވަނީ އާންމުވެފައެވެ. ބައެއް ފަހަރު މި ބަސްތަކުގެ ސަބަބުން ނުރަނގަޅު އަމަލުތައް ދެނެގަންނަން ފަސޭހަވިޔަސް، އަނެއްބައި ފަހަރު މާ އަވަހަށް މީހުންގެ ބޮލުގައި މިފަދަ ލޭބަލްތައް އަޅުވަމެވެ. ކޮންމެ އުނދަގޫ މީހަކީ ނާސިސިސްޓެއް ނޫނެވެ. ކޮންމެ ދޮގަކީ ނަފްސާނީ ބައްޔެއްގެ ނިޝާނެއް ވެސް ނޫނެވެ.
އެހެންނަމަވެސް، މީހެއްގެ އަމަލުތައް ތަކުރާރުވާ ގޮތަށް (patterns) ސަމާލުވާން ޖެހެއެވެ. އެއްފަހަރު ކުރެވޭ ކަމަކުން މީހަކާ މެދު ގޮތް ނުނިންމުނަސް، ތަކުރާރުކޮށް މީހަކު ތިބާގެ އަމިއްލަ ނަފްސާ މެދު ޝައްކު އުފައްދާ، ވާހަކަ ބަދަލުކޮށް، އިހުސާސްތަކާ ކުޅެ، ނުވަތަ އަބަދުވެސް މައްސަލައަކީ ތިބާ ކަމަށް އިހުސާސްކޮށްދޭނަމަ، އެއީ ސަމާލުވާންޖެހޭ ކަމެކެވެ.
ދިވެހި މުޖުތަމައުގައި މިކަން އޮތް ގޮތް
ދިވެހިރާއްޖެ ފަދަ ކުޑަ، އެންމެން އެންމެނާ ގުޅިފައިވާ މުޖުތަމައެއްގައި މިކަން ވަރަށް ޝައުގުވެރިއެވެ. އާއިލީ ގުޅުންތަކާއި، އަބުރާއި، އިޖުތިމާއީ މަސްލަހަތަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަމެވެ. އަޅުގަނޑުމެން ވާހަކަދައްކަން މިޖެހެނީ ހަމައެކަނި "މީހަކާ" ނޫނެވެ. އެއީ ތިމާގެ ތިމާގެ މީހަކަށް، އަވަށްޓެރިއަކަށް ނުވަތަ ރަހުމަތްތެރިއަކަށް ވެދާނެއެވެ. މިއީ އުނދަގޫ ވާހަކަތައް ދައްކަން އިތުރަށް ޖެހިލުންވާ ސަބަބެކެވެ.
ގިނަ ފަހަރަށް އަޅުގަނޑުމެން ހަނު ހުންނަނީ ހަމަނުޖެހުމެއް އުފެދިދާނެތީ ނުވަތަ މީހަކު ލަދުގަންނަވަން ބޭނުން ނުވާތީއެވެ. "މައްސަލައެއް ނެތް" ކަމަށް ބުނެ ހިނިތުންވެފައި ދޫކޮށްލިޔަސް، އެކަމުގެ ސަބަބުން އިހުސާސްތައް އަބަދުވެސް ހިތުގައި ބަދަލުނުވެ ހުރެއެވެ. މަޝްވަރާ ނުކޮށް ދޫކޮށްލާ ކަންކަމަކީ އޭގެ ޒާތުގައި ފިލައިގެންދާ އެއްޗެއް ނޫނެވެ. ބައެއް ފަހަރު ފަހުން އެކަންކަން ފާޅުވަނީ ހިތްނުތަނަވަސްކަމާއި، ދުރުހެލިވުމާއި، ނުސީދާ ގޮތްގޮތުން ދައްކާ ރުޅިވެރިކަމުގެ ސިފައިގައެވެ. ނުވަތަ އެންމެ ފަހުން ގުޅުން މުޅިން ކެނޑިގެންދާ ހިސާބަށް ވެސް ކަންކަން ގޮސްދާނެއެވެ.
ތެދުވެރިވުމަށް އަޅުގަނޑުމެން ފުރުސަތު ހުޅުވައިދެންތޯ؟
މިއީ ވަރަށް އާދައިގެ ކަމަކާ މެދު ވިސްނާލަން މަޖުބޫރުކުރުވި ކަމެކެވެ. މީހުން ތެދުވެރިވުމަށް އަޅުގަނޑުމެން އެދޭއިރު، ބިރުގަތުމެއް ނެތި ތެދުބަހުން ވާހަކަދެއްކޭނެ ފަދަ އަމާން މާހައުލެއް އަޅުގަނޑުމެންނަށް ގާއިމުކޮށްދެވޭބާވައެވެ؟
ކުއްޖަކަށް ކުށެއް ކުރެވުމުން، ވަގުން ލަދުގަންނަވާނުލައި އެކަމަށް އިއުތިރާފުވުމުގެ ފުރުސަތު އޮވޭބާވައެވެ؟ ދެމަފިރިއަކަށް، ޒުވާބަކަށް ބަދަލުނުވެ "އަހަރެން އުފަލެއް ނޫން" ކަމަށް ބުނެވިދާނެބާވައެވެ؟ މުވައްޒަފަކަށް، ވަޒީފާގެ ބިރެއް ނެތި މެނޭޖަރާ ދެބަސްވެވިދާނެބާވައެވެ؟ ރަހުމަތްތެރިއަކު ދެއްކި ވާހަކައަކުން ހިތުގައި ޖެހުނުކަމަށް ބުނުމުން، ވަގުތުން ދިފާއީ އައްޑަނައެއް ނަގައިގެން ކުރިމަތިލުމުގެ ބަދަލުގައި އެކަން ގަބޫލުކުރެވޭބާވައެވެ؟
ތެދުވެރިކަމަކީ ހަމައެކަނި ވާހަކަދައްކާ މީހާއާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ އެ މީހަކު ވާހަކަދައްކަން އަޅުގަނޑުމެން ތައްޔާރުކޮށްދޭ މާހައުލާ ވެސް ގުޅިފައިވާ ކަމެކެވެ. ތެދު ބުނުމުން އަބަދުވެސް ލިބެނީ އަދަބާއި، އިހާނެތިކަމާއި، ރުޅިވެރިކަން ނުވަތަ ބާކީވުން ކަމަށްވާނަމަ، މީހުން ދަސްކުރާނީ ކަންކަން ފޮރުވާށެވެ. ބައެއް ފަހަރު އަޅުގަނޑުމެން މި ކިޔާ "ނުތެދުވެރިކަމަކީ" ތެދުބަހުން ވާހަކަދެއްކުން އަމާން ކަމަކަށް ނުވާ މާހައުލެއްގެ ނަތީޖާއެވެ.
ދަސްކުރަންވީ ފާރަވެރިއަކަށް ވުމުގެ ބަދަލުގައި ވާހަކަދައްކާ މީހަކަށް ވުން
ކޯޗިންގް (Coaching) އަކީ މާނަހުރި ކަމަކަށް އަޅުގަނޑަށް ވަނީ މި ސަބަބަށްޓަކައެވެ. ކޯޗިންގްގެ ބޭނުމަކީ މީހުން ދެނެގަތުމަށް ނުވަތަ އެމީހުންގެ ހިތުގައިވާ އެއްޗެއް ބުނެދޭން އެކްސްޕާޓަކަށް ވުމެއް ނޫނެވެ. އޭގެ ބަދަލުގައި، މީހުންނަށް މަޑުޖެހިލައި، އަމިއްލަ ނަފްސުގެ އަޑު އަހައި، ކުރެވިފައިވާ ކުށްހީތަކާ މެދު ސުވާލުކޮށް، ކަންކަމުގެ އަސްލު ދެނެގަތުމަށް ފުރުސަތު ހޯދައިދިނުމެވެ.
ރުޅިވެރިކަމުގެ ގޮތުގައި ފެންނަ ކަމަކީ ހިތުގައި ޖެހުން ކަމަށް ވެދާނެއެވެ. ދުރުހެލިވުމަކީ ބިރުގަތުން ކަމަށް ވެދާނެއެވެ. އަދި އަޅާނުލާހެން ހީވާ ހީވުމަކީ ކަންކަމާ ހާސްވެ، ކުރާނެ ގޮތެއް ނޭނގިފައި ހުރުން ކަމަށް ވެސް ވެދާނެއެވެ. އަދި ބައެއް ފަހަރު އަޅުގަނޑުމެންނަށް ހީވާ ހީވުމަކީ އަސްލު ހިނގާ ކަމަކަށް ނުވެސް ވެދާނެއެވެ. ވަގުތުން ގޮތް ނިންމުމުގެ ބަދަލުގައި، ކަންކަން ދެނެގަތުމަށް ޝައުގުވެރިވުމުން، މީހެއްގެ އަމަލުތަކުގެ ފަހަތުގައިވާ އަސްލު ހަގީގަތް ހޯދުމުގެ ފުރުސަތު ލިބެއެވެ.
އިތުބާރު ކުރުމާއި ބުއްދިވެރިކަމާއެކު ކަންކަން ވަކިކުރުން
މި ވާހަކަތައް އަޑުއެހުމަށްފަހު، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މީހުންގެ ކުށް އަތުލަން ކުޅަދާނަ މީހަކަށް ވުމުގެ ޝައުގުވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ކަންކަމަށް ފަރުވާތެރިވާ މީހަކަށް ވުމެވެ. ވަގުތުން ގޮތް ނުނިންމައި ކަންކަން ފާހަގަކުރުމެވެ. ޖަވާބު ތައްޔާރުކުރުމުގެ ބަދަލުގައި އަޑުއެހުމެވެ. އަމިއްލަ ހީތަކާ މެދު ސުވާލުކުރުމެވެ. ވަކި ވަގުތެއްގެ އަމަލަކަށް ބަލާލުމުގެ ބަދަލުގައި، އަމަލުތައް ތަކުރާރުވާ ގޮތަށް ބަލާލުމެވެ. ހިތަށް އަރާ އެއްޗަކަށް އިތުބާރުކުރާ ހިނދު، ހަގީގަތާ އެކަން އަޅާކިޔާލުމެވެ. ވާހަކަދައްކަންވީ ވަގުތާއި، ދުރުމިން ބަހައްޓަންވީ ވަގުތު ދެނެގަތުމެވެ.
އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކޮންމެ ދޮގެއް ނުހޯދުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދޮގު ހޯދަން މާ ބޮޑަށް އުޅުމުގެ ތެރޭގައި އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ހިސާބަށް ދިއުމެވެ. ވަކިން ހާއްސަކޮށް، އަޅުގަނޑުމެން ފަދަ އެންމެން ގުޅިފައިވާ މުޖުތަމައެއްގައި، އިތުބާރު ކުރުމާއި ބުއްދިވެރިކަމާއެކު ކަންކަން ވަކިކުރުން (discernment) މިއީ ވަރަށް މުހިންމު ދެ ކަމެވެ. ކޮންމެހެން ކޮންމެ ވާހަކައެއް ގަބޫލުކުރާކަށް ނުޖެހެއެވެ. އެކަމަކު ކޮންމެ މީހަކަށް ޝައްކުކުރުން ވެސް ބޭނުމެއް ނޫނެވެ.
ގޮތް ނުނިންމައި ކަންކަން ދެނެގަންނަން ދަސްކުރެވިދާނެއެވެ. ހަމަލާ ދިނުމުގެ ބަދަލުގައި މުއާމަލާތް ކުރެވިދާނެއެވެ. އަދި ގުޅުންތައް ކަނޑާނުލައި، ވަކި އިންތަކެއް (boundaries) ކަނޑައެޅިދާނެއެވެ. "އެމީހުން ހަދާ ދޮގު އަތުލާނީ ކިހިނެއް؟" މި ސުވާލުގެ ބަދަލުގައި، "އަސްލު ހިނގަނީ ކޮން ކަމެއްތޯ އަހަރުމެންނަށް ވާހަކަދެއްކިދާނެތަ؟" މި ސުވާލު ކުރުމަކީ މާ ބާރުގަދަ ކަމެކެވެ. މިއީ ރަނގަޅު ގުޅުންތަކާއި، ދުޅަހެޔޮ އާއިލާތަކާއި، އަދި ވަރުގަދަ މުޖުތަމައެއް ބިނާވާން ފަށޭ ހިސާބުކަމަށްވެސް ވެދާނެއެވެ.

Comments
Post a Comment