އެހެން ދުވަސްތަކެކޭވެސް އެއްފަދައިން، މިއަދުވެސް އަޅުގަނޑުގެ ދުވަސް ފެށީ އަޅުގަނޑު އެންމެ ކުރާހިތްވާ ކަންތަކުންނެވެ. އެއީ ކީރިތި ޤުރުއާން ކިޔަވައި، އޭގެ ތަރުޖަމާގެ މާނަ ދެނެގަތުމެވެ. ބައެއް ހެނދުނުތަކުގައި، އާޔަތެއްގެ މާނައިން ވަގުތުން ހިތަށް އަސަރުކުރުވައެވެ. އަނެއްބައި ދުވަސްދުވަހު ވާހަކައެއް ކިޔާލުމަށްފަހު ކުރިއަށް ދަނީއެވެ. ނަމަވެސް، ބައެއް ހެނދުނުތަކުގައި މަޑުޖެހިލައި، އަމިއްލަ ނަފްސާ ސުވާލުކުރަން މަޖުބޫރުވެއެވެ. މި ވާހަކަތަކަކީ ހަމައެކަނި މީގެ އެތައް ޤަރުނެއް ކުރިން އުޅުނު ބައެއްގެ ވާހަކަ ހެއްޔެވެ؟ ނުވަތަ މިއީ މިއަދުގެ މުޖުތަމައުގެ ޙާލަތުވެސް އަޅުގަނޑުމެންނަށް ދައްކައިދޭ ފިލާވަޅުތަކެއް ހެއްޔެވެ؟
މިއަދު ސޫރަތުއް ޝުޢަރާއިން ކިޔެވި ބައިގައި އެތައް ނަބީބޭކަލުންނެއްގެ ވާހަކައާއި އެ ބޭކަލުންގެ އުންމަތްތަކަށް ވީގޮތުގެ ވާހަކަ ފެނިގެންދިޔައެވެ. މޫސާގެފާނާއި ފިރުޢައުނު، ނޫޙުގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން، ހޫދުގެފާނާއި އާދު ބާގައިގެ މީހުން، ޞާލިޙުގެފާނާއި ޘަމޫދު ބާގައިގެ މީހުން، ލޫޠުގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން، ޝުޢައިބުގެފާނާއި އައިކާ ބާގައިގެ މީހުންނެވެ. އަދި އެ ސޫރަތުގެ ނިމުމުގައި ﷲ ވަނީ ޅެންވެރިންނާ ބެހޭގޮތުން ވަޙީކުރައްވާފައެވެ. މި ހުރިހާ ވާހަކައެއް ތަފާތުވިޔަސް، އޭގެއިން ފެންނަނީ އެއްގޮތް ސިފަތަކެކެވެ. ނަބީބޭކަލުން ފޮނުއްވުނީ ހަމައެކަނި އީމާންވުމަށް ގޮވާލާކަށް ނޫނެވެ. އެ ބޭކަލުން ގޮވާލެއްވީ މުޖުތަމައުގައި ހުރި ނުބައި އާދަތަކާއި، ބޭއިންސާފާއި، ބޮޑާކަމާއި، ފަސާދަ އިޞްލާޙުކުރުމަށެވެ. އެބޭކަލުން ކުރިމަތިލެއްވީ އިންސާނުންގެ އުޅުމާއި، އަޚުލާޤާއި، އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި އަދި ﷲގެ މަގުން މީހުން އެއްކިބާވެފައިވާ މިންވަރާއެވެ.
މިކަމާ މެދު ވިސްނާލުމުން އެނގުނީ، އަޅުގަނޑުމެން މި ވާހަކަތައް ކިޔަނީ އެއީ މުޅިން ތަފާތު ދުނިޔެއެއްގެ ވާހަކަތަކެއްގެ ގޮތުގައި ކަމެވެ. ފިރުޢައުނުގެ ވާހަކަ އަޑުއިވުމުން އެއީ އަނިޔާވެރިއެއް ކަމަށް ވަގުތުން އަޅުގަނޑުމެން ކަނޑައަޅަމެވެ. ޝުޢައިބުގެފާނުގެ ގައުމުގެ މީހުން މިނެކިރުމުގައި މަކަރު ހެދި ވާހަކަ އަޑުއިވުމުން އެއީ ކިހާ ދޮގުވެރި ބައެއް ހޭ ހިތަށް އަރައެވެ. އާދު ބާގައިގެ މީހުންގެ ވާހަކަ އަޑުއިވުމުން އެމީހުންގެ ކިބައިގައި ހުރި ބޮޑާކަމާ މެދު އަޖައިބުވެއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ވާހަކަ ކިޔާއިރު، އެމީހުން ކުރި ވަކި ޚާއްޞަ ފާފައެއް ކަމުގައިވާ އެއްގިންސުން ގުޅުން ހިންގުމުގެ ނުބައިކަމާ މެދު އަޅުގަނޑުމެން ވިސްނަމެވެ. ނަމަވެސް، މީގެ ފުން މާނައަކީ ހަމައެކަނި އެމީހުންނަށް އިނގިލި ދިިއްކުރުން ހެއްޔެވެ؟ ނުވަތަ މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ އާދަތަކަށް ނަޒަރު ހިންގުމަށް ޤުރުއާނުން ކުރާ އިޝާރާތެއް ހެއްޔެވެ؟
ކޮރަޕްޝަނާއި، ބޭއިންސާފާއި، ބޮޑާކަމަކީ މިއަދުވެސް ފިލައިގޮސްފައިވާ ކަންކަމެއް ނޫނެވެ. މީހުން އަދިވެސް އެހެން މީހުންގެ ނާޖާއިޒު ފައިދާ ނަގައެވެ. ދޭ އެއްޗަކަށްވުރެ ހޯދާ އެއްޗެއް ގިނަކުރެއެވެ. މަގާމާއި ނުފޫޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފައެވެ. މުދަލާއި، ޖާހާއި، އިއްޒަތަށް ދަހިވެތިވެ، އެ ހުރިހާ އެއްޗެއް ދެއްވި ފަރާތް މަތިން ހަނދާން ނައްތާލައެވެ. ޒަމާނާއި، ޓެކްނޮލޮޖީއާއި، ހެދުން އެޅުމާއި، ބަސްމަގު ބަދަލުވި ކަމުގައިވިޔަސް، އިންސާނާގެ އުޅުން ހުރީ ހަމަ އެއްގޮތަކަށެވެ.
ޅެންވެރިންނާ ބެހޭ ބަޔަށް ދެވުމުން، އަޅުގަނޑު އިތުރަށް ވިސްނާލަން މަޖުބޫރުވިއެވެ. އެ ޒަމާނުގައި ޅެންވެރިންނަކީ މީހުންގެ ފިކުރު ބަދަލުކުރުމުގެ ބާރު ލިބިފައިވާ މުވާސަލާތީ މާހިރުންނެވެ. އެމީހުންގެ ބަސްތަކުން މީހުންނަށް ތައުރީފުކޮށް، ނުވަތަ ހަޖޫޖަހައި، މުޖުތަމައުގައި ވަކި ތަަޞްވީރެއް އުފެއްދުމުގެ ގާބިލުކަން އެމީހުންނަށް ލިބިގެންވެއެވެ. ޤުރުއާނުގައި އެމީހުންގެ ތެރެއިން ދެބައެއް ހިމެނުއްވިއެވެ. އެއީ އެމީހުން ބުނާ ބަހާއި އަމަލާ ދިމާނުވާ، މަގުފުރެދިފައިވާ މީހުންނާއި، އަދި އީމާންވެ ހެޔޮ އަމަލުކޮށް ﷲ ހަނދުމަކުރާ މީހުންނެވެ.
ކުއްލިއަކަށް މިއަދުގެ ދުނިޔެއާ މެދު ވިސްނާލެވުނެވެ. މިއަދު ޅެންވެރިންގެ ބަދަލުގައި ތިބީ އިންފްލުއެންސަރުންނާއި، ވާހަކަދެއްކުންތެރިންނާއި، ކޮންޓެންޓް ކްރިއޭޓަރުންނެވެ. ރީތި އިބާރާތުން އޯގާތެރިކަމުގެ ވާހަކަދައްކާއިރު، އަމިއްލަ ދިރިއުޅުމުގައި އަނިޔާވެރިވާ މީހުން މަދެއް ނޫނެވެ. ވަފާތެރިކަމުގެ ވާހަކަދައްކަމުން ގާތް މީހުންނަށް ޚިޔާނާތްތެރިވާ މީހުންނާއި، މަޑުމޮޅިކަމަށް ގޮވާލަމުން ތައުރީފަށް އެދޭ މީހުންވެސް މަދެއް ނޫނެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަދައްކާއިރު އެހެން މީހުން ލަދުގަންނުވާލާ މީހުންނާއި، އުޅެންވީ ގޮތް އެހެން މީހުންނަށް ކިޔައިދޭއިރު އަމިއްލަ ނަފްސަށް ނުބަލާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ.
މި ސޫރަތުގެ ނިމުން އަޅުގަނޑާ ވަރަށް ގުޅެއެވެ. ސަބަބަކީ އަޅުގަނޑުމެން ބުނާ ބަހާއި ކުރާ އަމަލާ ދެމެދު އޮންނަ ފަރަގަކީ ހަމައެކަނި މަޝްހޫރު މީހުންނަށް އޮތް ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެން އެންމެންނަށް އޮތް ކަމެކެވެ. ތަމްރީނުދޭ މީހެއްގެ ހައިސިއްޔަތުން، މިއީ އަޅުގަނޑުގެ އަމިއްލަ ނަފްސާ މެދުވެސް ސުވާލު އުފެދުނު ބައެކެވެ. ކަމެއް ދަސްކޮށްދިނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އެގޮތަށް ދިރިއުޅުމަކީ އުނދަގޫ ކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދޭއިރު، އަމިއްލައަށް އެކަމާ ހަނގުރާމަކުރަން ޖެހިދާނެއެވެ. ކެތްތެރިވާން ބުނެދޭއިރު، ކެތްތެރިކަން ކޮޅުންލާ ފަހަރު އަތުވެދާނެއެވެ. ޢިލްމުގެ ހަގީގީ އިމްތިޙާނަކީ އެއީ ރީތިކޮށް ކިޔައިދިނުމެއް ނޫނެވެ. އެއީ އެ ޢިލްމުގެ ސަބަބުން ތިމާގެ އަމަލުތަކަށް އަންނަ ބަދަލެވެ.
ނަބީބޭކަލުންގެ ވާހަކަތައް އެހާ ނުފޫޒުގަދަވަނީ މި ސަބަބަށްޓަކައެވެ. އެ ބޭކަލުންނަކީ ހަމައެކަނި ތަޤުރީރު ކުރެއްވި ބޭކަލުންނެއް ނޫނެވެ. އެބޭކަލުން ގޮވާލެއްވީ އިޞްލާޙީ ބަދަލަކަށެވެ. ކޮންމެ މުޖުތަމައެއްގައިވެސް އަމިއްލަ ބަލިމަޑުކަމެއް ހުއްޓެވެ. ބައެއް މީހުންނަކީ ބޮޑާ މީހުންނެވެ. އަނެއްބައި މީހުންނަކީ ކާބަފައިންގެ އާދަކާދަތަކުގައި ބޯހަރުކޮށް ހިފަހައްޓައިގެން ތިބި މީހުންނެވެ. ނަބީބޭކަލުން ވަޑައިގަތީ ކެރުމާއި، ސާފު ބަސްމަގާއި، އަދި އެ ސަގާފަތްތަކާ ކުރިމަތިލައްވާނެ މެސެޖަކާއިގެންނެވެ.
ނަބީބޭކަލުން މީހުންނަށް ކިޔައިދެއްވީ ހަމައެކަނި އެމީހުން އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. ބައެއްފަހަރު ހަގީގަތަކީ އަޑުއަހަން އުނދަގޫ އެއްޗެކެވެ. ސަބަބަކީ އެއީ ތިމާ ބަދަލުވާން މަޖުބޫރުކުރާ އެއްޗަކަށް ވާތީއެވެ. މިއަދު އަޅުގަނޑުމެން އިޚްތިޔާރު ކުރަނީ ހަމައެކަނި ހިތަށް ހަމަޖެހުން ލިބޭ މެސެޖުތަކެވެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތަށް ވާހަކަދައްކާ މީހުން ފޮލޯކޮށް، އަޅުގަނޑުމެންނަށް ގޮންޖަހާ މީހުން އަންފޮލޯ ކުރަމެވެ. ނަމަވެސް ޤުރުއާނުން ކުރާ ކަމަކީ އަޅުގަނޑުމެންގެ ހިތްތަކަށް އުނދަގޫކުރުވައި، އަމިއްލަ ނަފްސާ މެދު ސުވާލު އުފެއްދުމެވެ.
މުދަލާއި، މަގާމާއި، ދަރިންނަކީ އާޚިރަތުގައި މީހާ ސަލާމަތްކޮށްދޭނެ އެއްޗެއް ނޫންކަން އެފޮތް އަޅުގަނޑުމެންނަށް ހަނދާންކޮށްދެއެވެ. އެންމެ މުހިންމީ ﷲގެ ހަޟްރަތަށް އަޅުގަނޑުމެން ހިފައިގެންދާ އެއްޗެކެވެ. އަޅުގަނޑުގެ ހިތުގައި ބަދަލުނުވެ ހަރުލާފައި ހުރި އެއް އާޔަތަކީ، މުދަލާއި ދަރިންގެ އެއްވެސް މަންފާއެއް ނުކުރާނޭ ދުވަހުގެ ވާހަކަ ބަޔާންކުރާ އާޔަތެވެ. އެ ދުވަހުން މަންފާކުރާނީ ސަލާމަތްވެގެންވާ ހިތަކައިގެން (ޤަލްބުން ސަލީމް) ﷲގެ ހަޟްރަތަށް ދާ މީހަކަށެވެ. އެއީ ފުރިހަމަ ދިރިއުޅުމެއް ނޫނެވެ. ނުވަތަ ފުރިހަމަ ތަޞްވީރެއް ނޫނެވެ. އަދި ފުރިހަމަ ނަމެއްވެސް ނޫނެވެ. އެއީ ސަލާމަތްވެގެންވާ ހިތެކެވެ.
މިއަދުގެ ކިޔެވުމުން އަޅުގަނޑަށް ލިބުނު ހަގީގީ ފިކުރަކީ މިއީއެވެ. ފިރުޢައުނުގެ ވާހަކަ ކިޔާއިރު، އަޅުގަނޑުގެ ކިބައިގައި ބޮޑާކަން ހުރީ ކިހާ މިންވަރަކަށްތޯ އަޅުގަނޑު އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެއެވެ. މިނެކިރުމުގައި މަކަރު ހެދި މީހުންގެ ވާހަކަ ކިޔާއިރު، އެހެން މީހުންނާ އެކު ކުރާ މުޢާމަލާތްތަކުގައި އަޅުގަނޑަކީ އިންސާފުވެރިއެއްތޯ ބަލަންޖެހެއެވެ. ފަސާދައިގެ ވާހަކަ ކިޔާއިރު، އަޅުގަނޑުގެ އުސޫލުތަކާ ޚިލާފުވެވެނީ ކިހާ ހިސާބަކުންތޯ ވިސްނަންޖެހެއެވެ. ކާބަފައިން އުޅުނު ގޮތަށް ކަނުކޮށް ތަބާވި މީހުންގެ ވާހަކަ ކިޔާއިރު، އަޅުގަނޑުވެސް ކަންކަމަށް ތަބާވަނީ އެއީ ހަމައެކަނި އާދައަކަށް ވާތީތޯ ސުވާލުކުރަންޖެހެއެވެ. ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ވާހަކަ ކިޔާއިރު، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެއް ހުންނަކަން ހަނދާންކޮށް، އެހެން މީހުން ކުރާ ނުބައި ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ މަސްއޫލިއްޔަތު ހަނދާން ނައްތާލަން އޮތް އުޒުރަކަށް ހަދައިގެން ނުވާނެއެވެ. އަދި އަމަލާ ދިމާނުވާ ބަސްތައް ބުނާ ޅެންވެރިންގެ ވާހަކަ ކިޔާއިރު، އަޅުގަނޑު އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެއެވެ: އަޅުގަނޑުގެ ބަހާއި އަމަލު ދިމާވޭ ހެއްޔެވެ؟
ނަބީބޭކަލުންނަށް މީހުން ފުރަގަސްދީ ދެކޮޅުވެރިވީ އިރުވެސް، އެބޭކަލުން މެދުކެނޑުމެއްނެތް ގޮތުގައި ނަސޭހަތް ދެއްވުމުގައި ދެމިތިއްބެވި ވާހަކަ ކިޔާއިރު، އަޅުގަނޑުމެން ހަނދާންކުރަންވީ ކަމަކީ ކޮންމެ ކަމެއްގެ ނަތީޖާ އޮތީ އަޅުގަނޑުމެންގެ އަތްމަތީގައި ނޫންކަމެވެ. ބައެއްފަހަރު އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ ހަމައެކަނި ހައްގުބަސް ބުނުމާއި، ހިކުމަތްތެރިކަމާއެކު ވާހަކަދެއްކުމާއި، އަދި އިޚްލާޞްތެރިކަންމަތީ ދެމިހުރުމެވެ. ހެނދުނުގެ ވަގުތު ޤުރުއާނުން ފަށަން އަޅުގަނޑު ބޭނުންވާ ސަބަބަކީ މިއީއެވެ. އެއީ ހަމައެކަނި މާޒީގެ ވާހަކަތަކެއް ހިމެނޭ ފޮތެއް ނޫނެވެ. އެއީ ލޯގަނޑެއް ފަދަ ފޮތެކެވެ. ބައެއްފަހަރު އަޅުގަނޑު އެމީހުންގެ ވާހަކަ ކިޔަން އިނދެފައި، ކުއްލިއަކަށް އިޙްސާސްވަނީ ﷲ އެ ދައްކަވަނީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ބެލުމަށް ކަމެވެ.
ދުނިޔެ ބަދަލުވެއްޖެއެވެ. ނަމަވެސް އިންސާނުންނަކީ ހަމަ އިންސާނުންނެވެ. އަޅުގަނޑުމެންގެ ޕްލެޓްފޯމްތައް ބޮޑުވެއްޖެއެވެ. އަޑުތައް ދަތުރުކުރާލެއް އަވަސްވެއްޖެއެވެ. ޓެކްނޮލޮޖީ ކުރިއަރައިފިއެވެ. ނަމަވެސް ބޮޑާކަމާއި، ދަހިވެތިކަމާއި، މަކަރުވެރިކަމާއި، އަމިއްލަ އެދުމަކީ އަދިވެސް ދިރިހުރި ސިފަތަކެވެ. ހަމައެފަދައިން އީމާންތެރިކަމާއި، ކެރުމާއި، އޯގާތެރިކަމާއި، ތައުބާވުމަކީވެސް އޮތް ކަންކަމެވެ.
ސުވާލަކީ، އެމީހުން ތާރީޚުގެ ކޮން ފަރާތެއްގައި ތިބިކަމެއް ނޫނެވެ. ސުވާލަކީ: އަޅުގަނޑު މި ތަކުރާރު ކުރަނީ ކޮން އާދަތަކެއް ހެއްޔެވެ؟ އަޅުގަނޑުގެ ބަސްމަގުން އެހެން މީހުންނަށް ދަސްކޮށްދެނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި އެންމެ މުހިންމު ކަމަކީ، އަޅުގަނޑު މި ބުނާ ބަސްތަކާ އެއްގޮތަށް އަޅުގަނޑު އަމިއްލައަށް ދިރިއުޅެން ހެއްޔެވެ؟

Comments
Post a Comment