އަޅުގަނޑަށް ދާދިފަހުން ބޭރުގެ މީހަކާ ބައްދަލުވެ، ވާހަކަދައްކާލުމުގެ ފުރުސަތު ލިބުނެވެ. އޭނާއަކީ ކާކުކަން ހާމަނުކޮށް، އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެރެއިން ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ. އަޅުގަނޑުމެން ފުރަތަމަ ވާހަކަދެއްކީ މަސައްކަތާއި، ވަޒީފާގެ ދާއިރާއާއި، އެ ދާއިރާއެއްގައި ހޭދަވި މުއްދަތާ ބެހޭގޮތުންނެވެ. ނަމަވެސް، ކުއްލިއަކަށް އަޅުގަނޑުމެންގެ މައުޟޫޢު އިސްލާމްދީނާއި، ދިވެހި ސަގާފަތާއި، އިޖުތިމާޢީ އާދަކާދަތަކަށް ބަދަލުވިއެވެ. އޭނާ ބުނި އެއް ވާހަކައަކުން އަޅުގަނޑުގެ ސަމާލުކަން ވަރަށް ބޮޑަށް ދަމައިގަތެވެ. އޭނާ ބުނި ގޮތުގައި، އަޅުގަނޑުމެން އާންމުކޮށް ހީކުރަނީ އެކަކު އަނެކަކާ ވަރަށް ތަފާތު ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ތަފާތު ގައުމުތަކުގެ މީހުންނާ ރަހުމަތްތެރިކަން ބަދަހިކުރުމުން އޭނާއަށް އެނގުނީ، އިންސާނުންގެ އަސާސީ ސިފަތައް ހުރިހާ ތަނެއްގައިވެސް އެއްގޮތް ކަމެވެ. އަޅުގަނޑުމެންގެ ކުލަޔާއި، ސަގާފަތާއި، އާދަކާދަތައް ތަފާތުވީ ނަމަވެސް، އެއްގޮތް ކަންތައްތައް މާ ގިނައެވެ.
ދިވެހިރާއްޖެއާ ބެހޭގޮތުން އޭނާ ފާހަގަކުރި ބައެއް ކަންތައްތައް ހިއްސާކުރިއެވެ. އެންމެ ފުރަތަމަވެސް އޭނާ ހައިރާންވީ، ރާއްޖޭގެ ބައެއް ކުދިން އުމުރުން އެންމެ 13 އަހަރުގައި ލޯބީގެ ގުޅުންތައް ފަށާކަން އެނގުމުންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ އިސްލާމީ ގައުމެއްގެ ސިފަތަކާ ފުށުއަރާ ކަމެކެވެ. މީގެ އިތުރުން، ދިވެހި އަންހެނުންނާ މެދު އަމަލުކުރެވޭ ގޮތާއި، އެކަނބަލުން އުފުލާ ޒިންމާތަކުގެ ބޮޑުކަމުންވެސް އޭނާ ހައިރާންވިއެވެ. އޭނާ ބުންޏެވެ. "އަންހެނުންނަކީ ރަނިކަމަނާއިން ފަދައިން ބަލަހައްޓަންޖެހޭ ބައެކެވެ. ނަމަވެސް މިތަނުން އަޅުގަނޑަށް ފެންނަނީ އަންހެނުން ވަޒީފާ އަދާކޮށް، ފައިސާ ހޯދައި، ގޭތެރޭގެ ކަންކަން ބަލަހައްޓައި، ދަރިން ތަރުބިއްޔަތުކޮށް، މި ހުރިހާ ބުރަ ޒިންމާތަކެއް އުފުލާ މަންޒަރެވެ. މިއީ ކިހާ ވަރުބަލިވާނެ ކަމެއް ހެއްޔެވެ؟" އޭނާގެ މި ބަސްތަކުން އަޅުގަނޑު ފުންކޮށް ވިސްނާލަން މަޖުބޫރުވިއެވެ. ހަގީގަތުގައި، އަޅުގަނޑުމެން މިކަމާ މެދު ވިސްނާލަނީ ކިތައް ފަހަރު ބާވައެވެ؟
އަޅުގަނޑު އޭނާއަށް ކިޔައިދިނީ މިއީ މަޖުބޫރުވެފައިވާ ހަގީގަތެއް ކަމެވެ. ދިރިއުޅުމުގެ އަގުބޮޑުވުމާއި، ވަރި ގިނަވުމާއި، އެހީތެރިކަން ލިބޭނެ ނިޒާމުތައް މަދުވުމުގެ އިތުރުން، ބައެއް ފަހަރު ބަފައިން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާނުކުރުމަކީވެސް މީގެ ސަބަބުތަކެވެ. ގިނަ އަންހެނުންނަށް ޖެހެނީ ވަޒީފާ އަދާކޮށް އާމްދަނީ ހޯދަމުން، ގޭތެރޭގެ މަސައްކަތްތަކާއި ދަރިން ބެލުމުގެ ޒިންމާވެސް އެކަނި އުފުލާށެވެ. އާއިލާއަށް އެހީތެރިވާ ރަނގަޅު ފިރިހެނުން އުޅޭކަން ޔަގީނެވެ. ނަމަވެސް، އަޅުގަނޑުގެ ތަޖުރިބާގައި އެފަދަ މިސާލުތައް ފެނުނުލެއް މަދެވެ. އަޅުގަނޑުގެ ވާހަކައަށް އޭނާ ހިނިތުންވުމާއެކު ބުންޏެވެ. "މި ގައުމުގެ އަންހެނުންގެ ހިތްވަރުގަދަކަމީ ހައިރާންވާފަދަ ކަމެކެވެ."
މި ވާހަކައިން އަޅުގަނޑުގެ ހިތަށް އެރިއެވެ. އަންހެނުން މިހާ ހިތްވަރުގަދަވާން ޖެހެނީ ކީއްވެގެންތޯ ސުވާލުނުކޮށް، އެކަނބަލުންގެ ކެތްތެރިކަމަށް އަޅުގަނޑުމެން ތައުރީފު ކުރަނީ ކިތައް ފަހަރު ބާވައެވެ؟ މިއީ ހަމައެކަނި އަޅުގަނޑުގެ އަމިއްލަ ފާހަގަކުރުމެއް ނޫނެވެ. 2016 ވަނަ އަހަރުގެ 'މޯލްޑިވްސް ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސާވޭ' ދައްކާގޮތުން، ގޭތެރޭގެ އުޖޫރައެއް ނުލިބޭ މަސައްކަތްތަކުގައި އަންހެނުން ދުވާލަކު ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަކުރާއިރު، ފިރިހެނުން ހޭދަކުރަނީ ގާތްގަނޑަކަށް 3 ގަޑިއިރެވެ. މިއީ މީގެ އަހަރުތަކެއް ކުރީގެ ތަފާސްހިސާބުތަކެއް ކަމަށްވިޔަސް، ގޭތެރޭގެ ޒިންމާތައް ބެހިފައިވާ ގޮތުގެ ނުހަމަކަން މީގެން ހާމަވެއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ބަލާއިރު، އައި.އެލް.އޯ (ILO) އިން 2024 ވަނަ އަހަރު ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރު 708 މިލިއަން އަންހެނުން ވަޒީފާގެ ބާޒާރުން ބޭރުގައި ތިބީ ގޭތެރޭގެ ޒިންމާތަކުގެ ސަބަބުންނެވެ. އަދި 2022 ވަނަ އަހަރު 'ދަ ލާންސެޓް ޕަބްލިކް ހެލްތު' ގައި ޝާއިޢުކުރި ދިރާސާއަކުން ދައްކާގޮތުގައި، ވަޒީފާ އަދާކުރާ އަންހެނުން އުޖޫރައެއް ނުލިބޭ ގޭތެރޭގެ މަސައްކަތްތައް ގިނައިން ކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ކުޑަކޮށް ވިސްނާލަބަލާށެވެ. ވަޒީފާގެ ބުރަ ދުވަހަކަށްފަހު، ގެއަށް އައިސް އަނެއްކާވެސް ދެވަނަ ޝިފްޓެއް ފަށަންޖެހެނީ ކިތައް އަންހެނުންނަށް ހެއްޔެވެ؟ ކުދިންގެ ކިޔެވުމުގެ ތާވަލުތަކާއި، ކެއުންބުއިމުގެ ކަންކަމާއި، ގޭތެރޭގެ ހުރިހާ ކަމެއްގެ ފިކުރު ބޮލުގައި އަޅައިގެން އުޅެނީ ކިތައް އަންހެނުން ހެއްޔެވެ؟ މިއީ ގިނަ ފަހަރަށް މީހުންގެ ލޮލަށް ނުފެންނަ، އަގުވަޒަން ނުކުރެވޭ، ބުރަ މަސައްކަތްތަކެކެވެ.
އަޅުގަނޑުމެންގެ ވާހަކައިގެ ތެރޭގައި، އާއިލީ ދިރިއުޅުމުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރާ ބެހޭގޮތުންވެސް އޭނާގެ ހިޔާލު ހިއްސާކުރިއެވެ. އޭނާ ދެކޭގޮތުގައި ފިރިހެނުންނަކީ އާއިލާއަށް އެހީތެރިވެ، ރައްކާތެރިކަންދީ، ހަރަދުބަރަދު ބަލަހައްޓަންޖެހޭ މީހުންނެވެ. އަދި އަންހެނުންނަކީ އާއިލާ ބަލަހައްޓައި، ގޭތެރޭގެ އުފާވެރިކަމާއި ހަމަޖެހުން ގާއިމުކޮށްދޭ މީހުންނެވެ. އަޅުގަނޑު މިކަމާ މެދު ފުންކޮށް ވިސްނާލީމެވެ. ދެމަފިރިން އެމީހުންގެ ޒިންމާތައް ދަނެގެން، ލޯތްބާއެކު އެކަންކަން ފުރިހަމަކުރުމަކީ އާއިލީ ދިރިއުޅުމަށް ލިބޭ ވަރަށް ބޮޑު ރީތިކަމެކެވެ. ގެއަކަށް ބޭނުންވަނީ ހަމައެކަނި ފައިސާއެއް ނޫނެވެ. ރައްކާތެރިކަމާއި، އަޅާލުމާއި، ނަފްސާނީ ގުޅުމާއި، ހަމަޖެހުންވެސް ބޭނުންވެއެވެ. އާއިލާއަށް ކޮށްދެވޭ އެންމެ ބޮޑު ހިދުމަތަކީ ހަމައެކަނި މާލީ އެހީތެރިކަމެއް ނޫނެވެ. ދަރިން ބެލުމުގައި ބައިވެރިވުމާއި، ގޭތެރޭގެ މަސައްކަތުގައި އެހީވުމާއި، ބައިވެރިޔާއަށް ނަފްސާނީ ހިތްވަރު ދިނުމަކީވެސް އެހާމެ މުހިންމު ކަންކަމެވެ. އިސްލާމްދީނުގައިވެސް ކައިވެނީގެ ގުޅުމުގެ ތެރޭގައި އޯގާތެރިކަމާއި ހަމްދަރުދީއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. ސޫރަތުއްނިސާގެ 19 ވަނަ އާޔަތުގައި އަންހެނުންނާއެކު ހެޔޮގޮތުގައި އުޅުމަށް އަމުރުކުރައްވާފައިވާއިރު، ސޫރަތުއްރޫމްގެ 21 ވަނަ އާޔަތުގައި ކައިވެނީގެ ގުޅުމަކީ ހަމަޖެހުމާއި، ލޯތްބާއި، އޯގާތެރިކަން އެކުލެވިގެންވާ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. މި މަތިވެރި އުސޫލުތައް އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުމުން ފެނޭތޯ މިއީ އުފެދޭ ސުވާލެކެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަންހެނުންނާއި ފިރިހެނުންނަކީވެސް ތަފާތު ހުނަރުތަކާއި ހިތްވަރު ލިބިފައިވާ ބައެކެވެ. ކޮންމެ އާއިލާއަކުންވެސް އެ އާއިލާއަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ޒިންމާތައް ބަހާލެވިދާނެއެވެ. އެންމެ މުހިންމު ކަމަކީ އެ އިންތިޒާމަކީ ދެމަފިރިންނަށްވެސް އިންސާފުވެރި، އިހުތިރާމް ލިބިދޭ، އަދި ދެމެހެއްޓެނިވި ގޮތަކަށް އޮންނަ އިންތިޒާމަކަށް ވުމެވެ. މިއީ ހަމައެކަނި ފިރިހެނުން ކުށްވެރިކުރުމެއްނޫނެވެ. ސަބަބަކީ އަނބިމީހާއަށް އޯގާތެރި، ދަރިންނަށް ޒިންމާދާރު، އަދި އާއިލާއަށް އެހީތެރިވާ އެތައް ރަނގަޅު ފިރިހެނުންނެއް އުޅޭތީއެވެ. މީގެ އަސްލު މަގުސަދަކީ، އާއިލީ ޒިންމާތައް ދެފަރާތުގެ ވިސްނުމާއި އެހީތެރިކަމާއެކު ބަހާލެވިގެން ކުރިއަށްދާއިރު، އާއިލާގެ ބަދަހިކަން އިތުރުވާކަން ފާހަގަކުރުމެވެ. އޭރުން އެއްވެސް މީހަކަށް އެކަނިވެރިކަމެއް އިހުސާސެއް ނުވާނެއެވެ. އަންހެނަކީ ހުރިހާ ކަމެއް އެކަނި ކުރަން ނުޖެހުނަސް ހިތްވަރުގަދަ މީހަކަށް ވެވިދާނެއެވެ. އަދި ފިރިހެނަކީ އާއިލާއަށް ހަރަދުކުރާ މީހާގެ އިތުރުން، ދަރިންގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވާ، އަނބިމީހާއަށް އެހީތެރިވާ ބައިވެރިއަކަށް ވެވިދާނެއެވެ.
ދިވެހި އަންހެނުންގެ ހިތްވަރުގަދަކަމާ ބެހޭގޮތުން އެ މީހާ ބުނި ބަސްތައް އަދިވެސް އަޅުގަނޑުގެ ހިތުގައި ބަދަލެއް ނުވެ އެބަހުއްޓެވެ. އާދެ، ދިވެހި އަންހެނުންނަކީ އާދަޔާ ހިލާފު ހިތްވަރެއް ހުންނަ ބައެކެވެ. އެކަނބަލުންނަކީ ކޮންމެ ހާލަތަކަށްވެސް އަމަލީގޮތުން ކުރިމަތިލާ، އާއިލާ ބަލަހައްޓާ، އަދި އެހެން މީހުންނަށް ނުފެންނަ އެތައް ދަތިތަކަކާއެކުވެސް ކުރިއަށްދާ ބައެކެވެ. ނަމަވެސް، އަންހެނުންގެ މި ހިތްވަރުގަދަކަމަކީ ޒިންމާތައް ނުހަމަގޮތުގައި ބެހިފައި އޮތުމަށް ދެއްކޭ އުޒުރަކަށް ވެގެން ނުވާނެއެވެ. އަންހެނަކު ހުރިހާ ބުރައެއް އެކަނި އުފުލަން ޖެހިފައިވަނީ ކީއްވެގެންތޯ ސުވާލުނުކޮށް، ހަމައެކަނި އެކަނބަލުންގެ ހިތްވަރަށް ސަނާކިޔުމަކުން ނުފުދެއެވެ. ފަހަރުގައި، މިހާރު މިއީ އަންހެނުންގެ ހިތްވަރަށް ހަމައެކަނި ތައުރީފުކުރުން ހުއްޓާލައި، އަންހެނުންނަށް އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެފަދަ އާއިލާތަކާއި މުޖުތަމައެއް ބިނާކުރަންވީ ވަގުތެވެ. ސަބަބަކީ ހިތްވަރުގަދަވުމަކީ ތައުރީފު ހައްގު ކަމަކަށް ވިޔަސް، ލޯތްބާއި، އިހުތިރާމާއި، އެހީތެރިކަމާއި، އަޅާލުމަކީ ކޮންމެ އަންހެނަކަށްމެ ލިބެންޖެހޭ އަސާސީ ހައްގުތަކަކަށް ވާތީއެވެ.
މިކަމާ މެދު ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ އަންހެނުންގެ ހިތްވަރުގަދަކަމަށް އަޅުގަނޑުމެން އާދަވެފައިވާލެއް ބޮޑުކަމުން، އެކަނބަލުން ވަރުބަލިވެފައިވާ މިންވަރު އަޅުގަނޑުމެންނަށް ނުފެންނަނީ ބާވައެވެ؟
ރެފަރެންސްތައް:
National Bureau of Statistics, Maldives (2016), Household Income and Expenditure Survey 2016: Employment.
International Labour Organization (2024), Unpaid Care Work Prevents 708 Million Women from Participating in the Labour Market.
Ervin et al. (2022), The Lancet Public Health, 7(9), e775–e786. https://doi.org/10.1016/S2468-2667(22)00160-8.
Qur'an, Surah An-Nisa (4:19) and Surah Ar-Rum (30:21).

Comments
Post a Comment