وخَلَقَ الْإِنسَانَ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
"އެކަލާނގެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. އެހެނެއްކަމަކު (އެ އިންސާނާ ބޮޑުވެ، ބަސްމޮށޭ ފެންވަރުވުމުން) ފާޅުވެގެންވާ ދެކޮޅުވެރިއަކަށް އޭނާ ވެދެއެވެ." (ސޫރަތުއްނަޙްލު: 4)
ޤުރުއާނުގެ މި މަތިވެރި އާޔަތާ މެދު ފިކުރުކޮށްލުމުން، އިންސާނީ ތަބީޢަތާއި، އަޅުގަނޑުމެންގެ ބުއްދިވެރިކަމާއި، ބޮޑާކަމުގެ އިތުރުން، އަޅުގަނޑުމެންގެ އަސްލު ހަނދާން ނެތޭލެއް އަވަސްކަން ހިތަށް އަރައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ހަނދާންކޮށްދެއްވަނީ ނުހަނު ސާދާ، އެހެނަސް ފުން މާނައެއް އެކުލެވޭ ކަމެކެވެ. އަޅުގަނޑުމެންގެ ވުޖޫދު ފެށިގެން އައީ ނުހަނު ކުޑަކުޑަ ތިއްކަކުންނެވެ. އޭރު އަޅުގަނޑުމެންގެ ކިބައިގައި އެއްވެސް ބާރެއް، މުދަލެއް، ޢިލްމެއް، ނުވަތަ އަމިއްލަ ނަފްސު ދިފާޢުކޮށް ބަހުސްކުރުމުގެ އެއްވެސް ޤާބިލުކަމެއް ނެތެވެ. ނަމަވެސް، ބޮޑުވެ، ބުއްދި ތަރައްޤީވެ، ޢިލްމާއި ތަޖުރިބާ ލިބުމުން، ބައެއް ފަހަރު އަމިއްލަ ވިސްނުމަށް މާ ބޮޑަށް އިތުބާރު ކުރެވި، އެ ވިސްނުމާއި ބުއްދި ދެއްވި ފަރާތުގެ މަތިން ހަނދާން ނެތިދެއެވެ.
މި އާޔަތުގެ ތާރީޚީ ސަބަބުތަކަށް ބަލާއިރު، މިއީ ވަރަށް މުހިންމު ކަމެކެވެ. އިމާމް އަލްވާޙިދީ ފަދަ ބޭފުޅުން ނަޤުލުކުރައްވާފައިވާ ގޮތުގައި، މި އާޔަތް ބާވައިލެއްވުނީ އުބައްޔު ބިން ޚަލަފް، ރަސޫލާ ﷺ އާ އަލުން ދިރުއްވުމާ ބެހޭގޮތުން ކުރި ދެކޮޅުވެރި ބަހުސަކާ ގުޅިގެންނެވެ. ރިވާޔަތްތަކުގައިވާ ގޮތުން އޭނާ ކަށިތަކެއް ހިފައިގެން އައިސް، އެ ކަށިތައް ފީވެ ކުނޑިވުމަށްފަހު އަލުން ދިރުއްވޭނީ ކިހިނެއްތޯ ސުވާލުކޮށް ގޮންޖެހިއެވެ. އޭނާގެ އެ ސުވާލަކީ އޮޅުންފިލުވުމުގެ ނިޔަތުގައި ކުރި ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އާޚިރަތް ދުވަހަށް އިންކާރުކޮށް ކުރި ގޮންޖެހުމެކެވެ. ޤުރުއާނުން މިކަމަށް ރައްދު ދެއްވީ އިންސާނާގެ ފެށުމަށް ނަޒަރު ހިންގުމަށް އަމުރުކުރައްވަމުންނެވެ. ފެށުމެއް ނެތް ތަނަކުން ކުޑަ ތިއްކަކުން އިންސާނާ އުފެއްދެވި ކަލަކަށް، އޭނާ މަރުވުމަށްފަހު އަލުން ދިރުއްވުމަކީ ކީއްވެ އުނދަގޫ ކަމަކަށް ވާންވީ ހެއްޔެވެ؟
މި ހާދިސާއަކީ ސޫރަތު ޔާސީންގެ 77 އިން 79 އަށް ހުރި އާޔަތްތަކާ ވެސް ގުޅިފައިވާ ކަމެކެވެ. އެ އާޔަތްތަކުގައި ވެސް ﷲ ހަނދާންކޮށްދެއްވަނީ އިންސާނާ އުފެއްދެވީ ކުޑަ ތިއްކަކުން ކަމާއި، އެހެނަސް އޭނާ ބޮޑުވެ ފާޅުވެގެންވާ ޖަދަލުކުރާ މީހަކަށް ވާކަމެވެ. މިއިން އެނގެނީ މައިގަނޑު މެސެޖަކީ ﷲގެ ކުޅަދުންވަންތަކަމާއި، އިންސާނާގެ ބޮޑާކަމާއި، އަލުން ދިރުއްވުމަށް އިންކާރުކުރުމާ ގުޅޭ މެސެޖެއް ކަމެވެ. ނަމަވެސް، މި ފިލާވަޅަކީ ހަމައެކަނި ތާރީޚީ ހާދިސާއަކަށް ވުރެ ފުޅާ، އަޅުގަނޑުމެން ކޮންމެ މީހެއްގެ އަމަލުތަކާ މެދު ވިސްނާލަން ލިބޭ ފުރުޞަތެކެވެ.
ނަފްސާނީ އިލްމުގެ ނަޒަރަކުން ބަލާއިރު، އިންސާނާގެ އަމިއްލަވަންތަކަން (identity) އުފެދޭ ގޮތް މިއިން ސިފަވެއެވެ. އުމުރުގެ އެކި ހަރުފަތްތަކުގައި އަޅުގަނޑުމެން ތަޖުރިބާއާއި، ޢަޤީދާއާއި، އަގުތަކާއި، ޢިލްމާއި ޚިޔާލުތައް އެއްކުރަމުއެވެ. މިއީ އަޅުގަނޑުމެން ދުނިޔެއާ މެދު ދެކޭ ގޮތުގެ ބަޔަކަށް ވެއެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، އަމިއްލަ ވިސްނުމަށް ބަރޯސާވެވޭލެއް ބޮޑުކަމުން، އެހެން މީހެއްގެ ޚިޔާލު ތަފާތުވުމަކީ އަމިއްލަ ނަފްސަށް ދެވޭ ހަމަލާއެއް ކަމުގައި ބެލެވެން ފަށައެވެ. ކަންކަން ދެނެގަތުމަށް އަޑުއެހުމުގެ ބަދަލުގައި، ރައްދު ދިނުމަށް އަޑުއަހަން ފެށެއެވެ. އަމިއްލައަށް ކުށެއް ކުރެވިދާނެތޯ ވިސްނުމުގެ ބަދަލުގައި، ތިމާގެ ރަނގަޅުކަން ސާބިތުކޮށްދިނުމުގައި މަޝްޣޫލުވެވެއެވެ.
ނަފްސާނީ އިލްމުގެ ތެރޭގައި ހިމެނޭ "ކޮގްނިޓިވް ބަޔަސް" (cognitive biases) އާއި "އީގޯ ޕްރޮޓެކްޝަން" (ego protection) ފަދަ މަފްހޫމްތަކުން މި އަމަލުތައް މާނަކޮށްދެއެވެ. މިސާލަކަށް، "ކޮންފަމޭޝަން ބަޔަސް" (confirmation bias) އަކީ ތިމާ ޤަބޫލުކުރާ ކަންކަމަށް ބާރުދޭ މަޢުލޫމާތު އެކަނި ބަލައިގަނެ، އެއާ ޚިލާފުވާ މަޢުލޫމާތުތަކަށް ފުރަގަސްދިނުމެވެ. އަޅުގަނޑުމެންގެ ޤަބޫލުކުރުންތަކަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާ ގުޅިފައިވާ ކަންކަމަށް ވާތީ، އެކަންކަމާ މެދު ސުވާލު އުފެއްދުމުން ބިރުގަނެ، ދިފާޢީ އައްޑަނައެއް ނަގަން މަޖުބޫރުވެއެވެ.
ސާދަ ސަތޭކަ އަހަރު ކުރިން ބާވައިލެއްވި އާޔަތަކުން، މިއަދުގެ އިންސާނީ ތަބީޢަތާ މިހާ ބޮޑަށް ގުޅޭ ކަމަކަށް އިޝާރާތްކުރެއްވުމަކީ އަޖައިބުވާންޖެހޭ ކަމެކެވެ. ޤުރުއާނަކީ ނަފްސާނީ އިލްމީ ތިއަރީއެއް ނޫނެވެ. ނަމަވެސް، އިންސާނާގެ ދެކޮޅުވެރިވުމުގެ އާދައާ މެދު އެކަލާނގެ ދެއްވާ ހަނދާންކޮށްދެއްވުމަކީ، އަޅުގަނޑުމެންގެ ބުއްދި ބޭނުންކުރާ ގޮތާއި، ގޮންޖެހުންތަކާ ކުރިމަތިލާ ގޮތް މުރާޖަޢާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ.
ކަމެއް އޮޅުންފިލުވުމަށް ސުވާލުކުރުމާއި، ތިމާގެ ކިބުރުވެރިކަން ދިފާޢުކުރުމަށް ޖަދަލުކުރުމާ ދެމެދު ބޮޑު ތަފާތެއްވެއެވެ. އިސްލާމްދީން ފިކުރުކުރުމާއި، ބުއްދީގެ ބޭނުން ހިފުމާއި، ޢިލްމު ހޯދުމަށް ހުރަހެއް ނާޅައެވެ. އޭގެ ބަދަލުގައި، އުފެއްދެވުންތަކަށް ނަޒަރު ހިންގައި، ﷲގެ ކައުނީ ނިޝާންތަކާ މެދު ވިސްނުމަށް ޤުރުއާން ތަކުރާރުކޮށް ގޮވާލައެވެ. މައްސަލައަކަށް ވަނީ، އަޅުގަނޑުމެންގެ ބުއްދިއަކީ ކަންކަން ދެނެގަތުމުގެ ބަދަލުގައި ބޮޑާކަމުގެ ވަސީލަތަކަށް ވުމުންނެވެ. ނުވަތަ ހަޤީޤަތަށް ފުރަގަސްދީގެން ވިޔަސް އަމިއްލަ ގޮތް ދިފާޢުކުރަން އުޅުމުންނެވެ.
އަޅުގަނޑުމެންގެ ދޭދޭ ގުޅުންތަކުގައި މިކަން ހިނގާ މިންވަރާ މެދު ވިސްނާލުން މުހިންމެވެ. ކިތައް ކުށްހީތައް ބޮޑެތި ޒުވާބުތަކަށް ބަދަލުވެފައިވަނީ ހަމައެކަނި އަމިއްލައަށް ކަމެއް ނުވިސްނޭ ކަމަށް އެއްބަސްވާން ބޭނުން ނުވުމުގެ ސަބަބުން ހެއްޔެވެ؟ އޯގާތެރިވުމަށް ވުރެ އަމިއްލަ ގޮތް ކާމިޔާބުކުރުން މުހިންމުވުމުގެ ސަބަބުން ކިތައް ގުޅުންތައް ކެނޑިފައިވޭ ހެއްޔެވެ؟ އެހެން މީހެއްގެ އިޙްސާސްތައް ދެނެގަތުމަށް މަސައްކަތް ކުރުމެއް ނެތި އެމީހެއްގެ ޚިޔާލު ބަލައިނުގަނެ ކިތައް ފަހަރު ދޫކޮށްލެވިފައިވޭ ހެއްޔެވެ؟
އަޅުގަނޑުމެންނަށް މޮޅަށް ޖަދަލުކުރަން އެނގިދާނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ނަފްސާނީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން، އަޅުގަނޑުމެންގެ ރައްދުތަކަށް ބާރު ފޯރުވަނީ އަމިއްލަ ބޮޑާކަން (ego) ކަން ނޭނގިދާނެއެވެ. އަޅުގަނޑުމެންނަކީ ޢިލްމީ ގޮތުންނާއި ވަޒީފާގެ ގޮތުން ކާމިޔާބު ބަޔަކަށް ވެފައި، އަމިއްލަ ކުށަށް އެއްބަސްވާން އުނދަގޫވެދާނެއެވެ. ޔަޤީންކަމާއެކު ވާހަކަދައްކަން އެނގޭއިރު، މަޑުމޮޅިކަމާއެކު އަޑުއަހަން ނޭނގިދާނެއެވެ.
މިއީ އިތުރު ފިކުރަކަށް މަގުފަހިކޮށްދޭ ކަމެކެވެ. ބުއްދިވެރިކަމާއި (Intelligence) ޙިކުމަތްތެރިކަމަކީ (Wisdom) އެކައްޗެއް ނޫނެވެ. ބުއްދިވެރިކަމަކީ ކަންކަން ތަޙުލީލުކޮށް، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަމެވެ. ނަމަވެސް ޙިކުމަތަކީ ތިމާއަށް އެނގޭ އެއްޗެއް ބޭނުންކުރާނެ ގޮތާއި ވަގުތު ދެނެގަތުމެވެ. މީހެއްގެ ކިބައިގައި އިންތިހާއަށް ޢިލްމު ހުރެފައި ވެސް، މަޑުމޮޅިކަން ނެތިދާނެއެވެ. މީހަކީ ވާހަކަދެއްކުމުގައި ކިތަންމެ ކުޅަދާނަ މީހަކަށް ވިޔަސް، އޭނާގެ ބަސްތަކުން އެހެން މީހުންނަށް ކުރާނެ އަސަރު ވަޒަންކުރަން ނޭނގިދާނެއެވެ.
އަމިއްލަ ނަފްސު ތަރައްޤީކުރުމުގެ ނަޒަރަކުން ބަލާއިރު، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ކުރިއެރުމުގެ އެންމެ މުހިންމު އެއް ސިފައަކީ، އަޅުގަނޑުމެންގެ އަމަލުތައް ކޮންޓްރޯލް ކުރަނީ އަމިއްލަ ބޮޑާކަން ނުވަތަ "އީގޯ" ކަން ދެނެގަތުމެވެ. ތިމާ ދިފާޢީ އައްޑަނައެއް ނަގާ ވަގުތު ދެނެގަތުމަށް އަމިއްލަ ނަފްސަށް އޮންނަ ހޭލުންތެރިކަން ބޭނުންވެއެވެ. ރައްދު ދިނުމުގެ ކުރިން މަޑުޖެހިލުމަށް ނަފްސު ކޮންޓްރޯލް ކުރަން އެނގެންޖެހެއެވެ. އަދި ތިމާއަށް ނޭނގޭ ކަމެއް އެހެން މީހަކަށް އެނގިދާނެކަން ޤަބޫލުކުރުމަށް މަޑުމޮޅިކަން ބޭނުންވެއެވެ.
މީގެ މާނައަކީ ސުވާލުކުރުން ހުއްޓާލުމެއް ނޫނެވެ. ނުވަތަ ތިމާގެ ޤަބޫލުކުރުންތައް ދޫކޮށްލައި، އެހެން މީހުން ބުނާ ކޮންމެ އެއްޗަކަށް އާނބަސް ބުނުމެއް ވެސް ނޫނެވެ. ދުޅަހެޔޮ ގޮތެއްގައި ޚިޔާލު ތަފާތުވުމަކީ އިންސާނީ ގުޅުންތަކާއި އުނގެނުމުގެ ބައެކެވެ. އޭގެ މާނައަކީ އިޙްތިރާމާއެކު ޚިޔާލު ތަފާތުވާން ދަސްކުރުމެވެ. ހެކިތަކަށް ފުރުޞަތު ދިނުމާއި، ހަޤީޤަތް ދިފާޢުކުރުމާއި އަމިއްލަ ބޮޑާކަން ދިފާޢުކުރުމާ ދެމެދު ހުރި ތަފާތު ދެނެގަތުމެވެ.
މި އާޔަތުގެ ފެށުމުގައި ނުހަނު ތަވާޟުޢުވެރިކުރުވާ ފިލާވަޅެއް ވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތް ފަށްޓަވާފައިވަނީ އަޅުގަނޑުމެންގެ ކާމިޔާބީތަކާއި، ބުއްދިވެރިކަމާއި، ނުވަތަ މަޤާމުގެ ވާހަކައަކުން ނޫނެވެ. އެކަލާނގެ އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވަނީ އަޅުގަނޑުމެންގެ އަސްލެވެ. ކޮންމެ އިންސާނަކީވެސް، ކިތަންމެ މުއްސަނދި، ޢިލްމީ، ނުފޫޒުގަދަ ނުވަތަ މަތީ މަޤާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް، އޭނާގެ ފެށުމަކީ މުޅިންވެސް އެހެން ފަރާތެއްގެ އެހީތެރިކަމަށް ބަރޯސާވާންޖެހޭ ފަދަ ނިކަމެތި ޙާލަތެކެވެ. މިއަދު އަޅުގަނޑުމެންގެ ކިބައިގައި ހުރި ޢިލްމާއި ހުނަރާއެކު ދުނިޔެއަށް އައި އެކަކުވެސް ނެތެވެ. އަޅުގަނޑުމެން އުނގެނި، ބޮޑުވެ، ތަރައްޤީވީ ގުނާ އަދަދު ނުކުރެވޭ ފަދަ ތަޖުރިބާތަކާއި، އަޅުގަނޑުމެންނަށް އާދައިގެ ކަންކަމުގެ ގޮތުގައި ފެންނަ ނިޢުމަތްތަކުގެ އެހީގައެވެ.
މިކަމާ މެދު ފިކުރުކޮށްލުމުން، އަޅުގަނޑުމެންގެ ކާމިޔާބީތަކަކީ އެހެން މީހުންނަށް ދަށްކޮށް ހިތަންޖެހޭ ސަބަބެއް ނޫންކަން ހަނދާންވެއެވެ. އަޅުގަނޑުމެންގެ ޢިލްމަކީ އެހެން މީހުން ބާކީކޮށްލަން ޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރަކީ ބޮޑާކަމަކަށް ވެގެން ނުވާނެއެވެ. އަދި އަޅުގަނޑުމެންގެ ބަސްމޮށޭކަމުގެ ޤާބިލުކަމަކީ އަޑުއަހަން ބޭނުން ނުވުމުގެ އުޒުރަކަށް ވެގެން ނުވާނެއެވެ.
ފަހަރުގައި، އިންސާނަކަށް ވުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ، އަޅުގަނޑުމެންގެ ކިބައިގައި ހުރި ކުޅަދާނަކަން ދަންނަ ހިނދު، އަޅުގަނޑުމެންގެ ނިކަމެތިކަން ވެސް ހަނދާން ބެހެއްޓުމެވެ. އުނގެނުމާއި، އުފެއްދުމާއި، ވިސްނުމާއި، ސުވާލުކުރުމާއި، ދުނިޔެއަށް ޚިދުމަތްކުރުމުގެ އަޖައިބެއް ފަދަ ޤާބިލުކަން އަޅުގަނޑުމެންނަށް ދެއްވާފައިވެއެވެ. ނަމަވެސް، މި ހުރިހާ ޤާބިލުކަމަކާއެކު މަސްއޫލިއްޔަތުތަކެއް ވެސް އުފުލަންޖެހެއެވެ. އެކަންކަން ބޭނުންކުރާ ގޮތަކީ ނުހަނު މުހިންމު ކަމެކެވެ.
އިސްލާމްދީނުގައި މަޑުމޮޅިކަމަކީ (Humility) އަމިއްލަ ނަފްސާމެދު ދަށު ދަރަޖައަކަށް ދެކުމެއް ނޫނެވެ. ނުވަތަ ތިމާގެ ކިބައިގައި ހުރި ހުނަރުތަކަށް އިންކާރުކުރުމެއް ވެސް ނޫނެވެ. އޭގެ މާނައަކީ އެ ހުރިހާ ޤާބިލުކަމަކީ ﷲ ދެއްވި ނިޢުމަތްތަކެއްކަން ދަނެ، އެކަންކަން ބޭނުންކުރާ ގޮތާ މެދު ޖަވާބުދާރީވާން ޖެހޭނެކަން ޤަބޫލުކުރުމެވެ. ބޮޑާ ނުވެ އިތުބާރާއެކު ހުރެވިދާނެއެވެ. އެހެން މީހުންނަށް ދަށްކޮށް ނުހިތައި ޢިލްމުވެރިވެވިދާނެއެވެ. އަދި އިޙްތިރާމް ކުޑަނުކޮށް ތިމާގެ ޤަބޫލުކުރުންތަކުގައި ސާބިތުވެ ހުރެވިދާނެއެވެ.
ސޫރަތުއްނަޙްލުގެ 4 ވަނަ އާޔަތާމެދު އަޅުގަނޑު ކުރާ ފިކުރުތަކުގެ ތެރޭގައި، ހަމައެކަނި އަޅުގަނޑު ޤަބޫލުކުރާ ކަންކަމަށް ބަލާލުމުގެ އިތުރުން، އެ ކަންކަމަށް ގޮންޖެހުމެއް އަންނަ ހިނދު އަޅުގަނޑުގެ އަމަލުތައް ހުންނަ ގޮތް ވެސް މުރާޖަޢާކުރަމެވެ. އަޅުގަނޑު ހަޤީޤަތުގައި ވެސް މަސައްކަތް ކުރަނީ ކަންކަން ދެނެގަންނަން ހެއްޔެވެ؟ ނުވަތަ ބަހުސަކުން މޮޅުވާން ހެއްޔެވެ؟ ކުށެއް ކުރެވުމުން އެކަމަށް އެއްބަސްވާން އަޅުގަނޑު ތައްޔާރު ހެއްޔެވެ؟ އަޅުގަނޑުގެ ޢިލްމުގެ ސަބަބުން އަޅުގަނޑަކީ އަނެކުންނަށް އޯގާތެރި މީހަކަށް ވޭ ހެއްޔެވެ؟ ނުވަތަ އެހެން މީހުންގެ އަޑުއަހަން ބޭނުން ނުވާ މީހަކަށް ވެއްޖެ ހެއްޔެވެ؟ އަޅުގަނޑަށް ހާސިލުކުރެވުނު ކަންކަމުގެ ތެރޭގައި މަޝްޣޫލުވެ، އަދިވެސް އުނގެނެން ހުރި ކަންކަމުގެ މަތިން ހަނދާން ނެތުނީ ހެއްޔެވެ؟
މިއީ އަމިއްލަ ނަފްސަށް ހުކުމް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން މި ބަދަލުވަމުންދަނީ ކޮން ކަހަލަ މީހަކަށްތޯ ބެލުމަށްޓަކައި އަމިއްލަ ނަފްސާ ކޮށްލުން މުހިންމު ސުވާލުތަކެކެވެ.
މި އާޔަތުން އެންމެ ފަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އުފެއްދެވުމާއި އަލުން ދިރުއްވުމުގެ ﷲގެ ކުޅަދުންވަންތަކަމެވެ. އަދި ހަމައެއާއެކު، ކުޑަ ތިއްކަކުން އުފެދިފައިވާ އިންސާނާ، އޭނާ ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާ މެދު ދެކޮޅުވެރިވެ ޖަދަލުކުރުމުގައި ހުރި ފުށުއެރުންތައް ހާމަކޮށްދެއެވެ. އަޅުގަނޑަށް މިއީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައި ވެސް ހަމަބިމުގައި ހުރުމަށާއި، ޝުކުރުވެރިވުމަށާއި، މަޑުމޮޅިވުމަށް ލިބޭ ވަރުގަދަ ހަނދާންކޮށްދިނުމެކެވެ.
ޢިލްމާއި، މަޤާމާއި، މުދަލާއި، ނުފޫޒުގެ ގޮތުން އަޅުގަނޑުމެން ކުރިއަރައިދިޔަ ނަމަވެސް، އަޅުގަނޑުމެން ފެށުނު ގޮތެއް ބަދަލެއް ނުވެއެވެ. އަދި ﷲގެ ޙަޟްރަތަށް އަޅުގަނޑުމެން ބޭނުންޖެހިފައިވާ މިންވަރަކަށް ވެސް އެއްވެސް އުނިކަމެއް ނާދެއެވެ.
އަޅުގަނޑުމެންގެ ޢިލްމަކީ އަޅުގަނޑުމެންގެ މަޑުމޮޅިކަން އިތުރުކޮށްދޭ އެއްޗެއް ކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެންގެ ބުއްދިވެރިކަމަކީ ކަންކަން ދެނެގަތުމަށް ލިބޭ ބާރެއް ކަމުގައި ލައްވާށިއެވެ. އަދި އަޅުގަނޑުމެންގެ އިތުބާރަކީ ހަޤީޤަތް ފެނުމަށް ހުރަސްއަޅާ އެއްޗެއް ކަމުގައި ނުލައްވާށިއެވެ. ޙިކުމަތާއެކު ބުއްދީގެ ބޭނުން ހިފުމަށާއި، އޯގާތެރިކަމާއެކު ބަސްމޮށުމަށާއި، ޝުކުރުވެރިކަމާއެކު ޤާބިލުކަން ބޭނުންކުރުމުގެ ތައުފީޤު ﷲ އަޅުގަނޑުމެންނަށް ދެއްވާށިއެވެ. އާމީން.
ބައެއް ފަހަރު، ކުރިއެރުމުގެ އެންމެ ބޮޑު ނިޝާނަކީ ތިމާއަށް އެނގޭ އެއްޗެއް ދިފާޢުކުރާ މޮޅުކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ތިމާއަށް ނޭނގޭ ކަންކަން ހުރިކަން ރީތި ގޮތުގައި ޤަބޫލުކުރުމެވެ.
ކިޔުންތެރިން ފުންކޮށް ވިސްނާލުމަށްޓަކައި ސުވާލެއް: ތިޔަބޭފުޅާގެ މަޤްޞަދަކީ ހަޤީޤަތާ ހަމައަށް ވާޞިލުވުން ހެއްޔެވެ؟ ނުވަތަ އަމިއްލަ ނަފްސުގެ މޮޅުކަން ސާބިތުކޮށް ކާމިޔާބު ހޯދުން ހެއްޔެވެ؟

Comments
Post a Comment